މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ ކަސްޓަމަރުންގެ އަތުން ނެގުމަށް ފަހު މީރާއަށް ނުދައްކާ ފަރާތްތަކުގެ މައްޗަށް އެ ފައިސާ ހޯދަން ދައުވާ ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މިރާގެ ޑައިރެކްޓަރު ޖެނެރަލް ރެވެނިއު ސާވިސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ޓެކްސްގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ނުލިބޭ ނަމަ އެ ފައިސާއެއް ހޯދަން ކޯޓަށް މައްސަލަ ވެއްދުމުގެ ބާރު މީރާއަށް ލިބިގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ދައުވާ ކުރަމުން އައީ ރިސޯޓްތަކުގެ މައްޗަށް ކަމަށް ވިޔަސް ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މައްޗަށް ވެސް ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ލިބިދީފައި އޮންނަ ބާރެއް، އެއްވެސް ޓެކްސްއެއް ނުދަންކަންޏާ އެންމެ ފަހުން ދައުވާ ކުރުން ވެސް. ހަމަ އެ ގޮތަށް ޖީއެސްޓީ ވެސް އަދި އެހެން ޓެކްސްއެއް ވެސް ނުދައްކާ ފަރާތްތަކާ މެދު ދައުވާކުރެވޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުވާކުރުމުގެ ކުރިން ޓެކްސް ނުދައްކާ ފަރާތްތަކާ މެދު އެކި ފަހަރު މުއާމަލާތްކުރުމުގެ އިތުރަށް ގާނޫނުގައި ބުނާ އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކުރުމާއި ޖީއެސްޓި ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމު ކުރުން އަދި އެކައުންޓްތައް ފްރީޒް ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ފަހުން އެ ފައިސާ [ޖީއެސްޓީ] އެގޮތްތަކުން ވެސް ނުލިބިއްޖިއްޔާ އެ މައްސަލަތައް ވެސް ހަމަ ދާނީ ކޯޓަށް،" ފަތުހުﷲ ވިދާޅުވި އެވެ.

މީރާ އިން މިހާތަނަށް ކޯޓަށް ވައްދާފައި ހުރި ގިނަ މައްސަލަތަކަކީ ޓޫރިސްޓު ރިސޯޓުތަކުގެ ބެޑް ޓެކްސްއާއި ކުލި އަދި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ފަޅުރަށްރަށުން ލިބެން ޖެހޭ ކުލި ނުލިބިގެން ކޮށްފައި ހުރި ދައުވާތަކެވެ. މިހާރު ވެސް އޭގެން ގިނަ މައްސަލަތައް ކޯޓުގައި ހިނގާ އިރު ބައެއް މައްސަލަތައް ވަނީ ނިމިފަ އެވެ. ހުރިހާ މައްސަލައެއް ވެސް ނިމިފައި ހުރީ މީރާއާ އެއްކޮޅަށެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން ޓެކްސްގެ ބަޔާން ހުށަހެޅުމާއި އަދި ޓެކްސް ދެއްކުމަށް އެކަ ހެރި ވުމުން ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބާރު މީރާއަށް ލިބެ އެވެ.

މީރާއިން އާންމުކޮށްފައިވާ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި 125 އަށް ވުރެ ގިނަ ފަރާތްތައް ހިމެނެ އެވެ. އެއީ ޓޫރިޒަމް ދާއިރާގެ 20 ފަރާތަކާއި އެހެނިހެން ތަފާތު ވިޔަފާރިތައް ކުރާ 105 ފަރާތެކެވެ. އަދި އަތޮޅުތަކުގައި ވިޔަފާރި ކުރާ 38 ފަރާތައްވެސް އެ ލިސްޓުގައި ހިމެނެ އެވެ.