އަންހެނަކަށް ބިރު ދައްކައިގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ދައުވާ އުފުލި މީހެއްގެ ފޯނުން އެ އަންހެން މީހާގެ ބަރަހަނާ ފޮޓޯތައް ފެނުނު ނަމަވެސް ކުށް ސާބިތުނުވެ ސަލާމަތް ވެއްޖެއެވެ.

ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުފުލީ ބިރުދައްކައިގެން ޖިންސީ ޢަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުމުގެ ދައުވާއެވެ. އެ ހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުއެވެ.

ތަހުގީގު މަރުހަލާގައިވެސް ފިރިހެން މީހާ ވަނީ އޭނާ އަތުގައި އަންހެން މީހާގެ ބަރަހަނާ ފޮޓޯތައް ހުރި ކަމަށް އެއްބަސްވެފައެވެ. އަދި އޭނާގެ ފޯނުން އެ ފޮޓޯތައް ފެނިފައިވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ވަނީ އިންކާރުކޮށްފައެވެ.

އަށް އަހަރު ފަހުން މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމާފައިވާއިރު ހުކުމް ކޮށްފައިވަނީ ސާބިތުނުވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ, ކާފީ ހެކި ލިބިފައިނުވުމާއި ދަޢުވާގެ އުންޞުރުތައް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވުމެވެ.

ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް ރޭޕް ކުރި މީހަކު 20 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ މީހެއްގެ މައްޗަށް ހުކުމް ކޮށްފައެވެ.