14 Feb 2023, 12:33
ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅެނިކޮށް އެގައުމުގެ އިމިގްރޭޝަންގެ ދަށަށް ގެންގޮސް ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) އެގައުމުން ޑީޕޯޓުކޮށްލި ކަމަށް ބުނާ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މިއަދުގެ ޖަލްސާއަށް މެމްބަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ގާނޫނު އަސާސީން ދިވެހީންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
އަދި، އެފަދަ ކަންކަމުގައި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅު ނޭޅި ގޮސްފިނަމަ، އޭގެ ރައްދުގައި ރާއްޖޭގައި އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފުރަތު އުފެދި އޭގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުތިމާލެއް އެބަ އޮތް ކަމަށް މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން، ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިވެހިންގެ ރައްކާތެރިކަން ޔަގީންކުރުމަށް ފިޔަވަޅުތަކެއް ނޭޅުމަކީ ރާއްޖޭގެ ސަރަހައްދުގެ އެތެރެއާއި އެ ސަރަހައްދުން ބޭރުގައި ދިވެހިންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ދައުލަތަށް މަތިކޮށްފައިވާ ދުސްތޫރީ އަދި އަދި އަހުލާގީ ޒިންމާއަށް ހިޔާނާތްތެރިވުން ކަމަށް ވިދާޅުވެ މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މަޖިލީހަށް މިމައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުގައި، މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 36 މެމްބަރުން ވޯޓުދެއްވާފައިވާއިރު، މައްސަލަ ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ ހަ މެމްބަރުންނެވެ.
ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ސަމަދުބެ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓައި، ޕާސްޕޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެއެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި 18 ގަޑިއިރު ބެހެއްޓި ފަހުން އިއްޔެ އޭނާ ވަނީ ރާއްޖެ އައިސްފައެވެ.
ސަމަދުބެއަކީ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައްޔާއި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.