14 Feb 2023, 11:44
ނ. މާފަރުން ގިނަ އަދަދެއްގެ ރުއްގަސް ބޭރުކުރަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދައާއި މާފަރު ކައުންސިލުގެ ހުއްދައާއެކު ކަމަށް މާފަރު ކައުންސިލުން މިއަދު ބުނެފިއެވެ.
އެ ރަށުން ގިނަ އަދަދެއްގެ ރުއްގަސް ބޭރުކުރާތީ އެ ރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މާފަރު ކައުންސިލްގެ އިސް މުވައްޒަފަކު ވިދާޅުވީ އެ ކަން ކުރުމަށް ކައުންސިލުން ދޭންޖެހޭ ހުރިހާ ހުއްދައެއް ދީފައިވާ ކަމަށެވެ.
"އެ ބިމުގައި ހުރި ރުއްތަކަކީ ވެރިފަރާތް ކަަށަަވަރުކުރުމަށްފަހު ބަދަލު ހަމަޖައްސައިފައި ހުރި ރުއްތަކެއް. އެހެންވީމާ ކައުންސިލުން ވާނެ ނަގަންޖެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިފައި،" އޭނާ ވިދާޅުވިއެވެ.
މާފަރު ކައުންސިލުން އެ ކަމަށް ހުއްދައަށް އެދިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މި ކަމާ ގުޅިގެން ސުވާލުކޮށްލުމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މި ނޫހަށް ވިދާޅުވީ އީޕީއޭއިން ވެސް އެ ކަމުގައި ދޭންޖެހޭ ހުރިހާ ހުއްދައެއް ދީފައިވާކަމަށެވެ.
"އޭގައި އަޅުގަނޑުމެން ވެސް ވާނެ ހަމަ އެކޮޅުން ބޭނުންވާ ހުއްދަތައް ދީފައި،" ނައީމް ވިދާޅުވިއެވެ.
މާފަރުން ބޭރުކުރަން ހުއްދަ ދީފައިވަނީ 78 ރުކާއި 58 ގަހެވެ. އެ ރުއްގަސްތައް ގެންދާނީ ރ. ކުޑަކުރަތަށެވެ.