ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަމުންދިޔަ ސުލޫކީ ހަތަރު މައްސަލައެއް ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބަލަމުން ދިޔައީ ތިން ފަނޑިޔާރަކާ ގުޅޭ ހަތަރު މައްސަލައެކެވެ. އޭގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ ދެ މައްސަލައަކާއި، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބުގެ ސުލޫކީ މައްސަލައަކާއި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލައެއް ހިމެނެއެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ހަތަރު މައްސަލަ ވެސް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމި މައްސަލަތަކުގެ ތެރޭގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ ދެ މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އެއީ ކޮން މައްސަލަތަކެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން ބެލި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބުގެ ސުލޫކީ މައްސަލައަކީ އޭނާ ބައްލަވަމުން ގެންދަވާ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހެޅި ފަހުން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ މައްސަލައެކެވެ. އެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލަ ބަލާފައި ވަނީ އެ ކޯޓުގައި ކުރިއަށް ގެންދިޔަ ތަންފީޒީ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކާ އެގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތުކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލާ ކަނޑައެޅިގެން ޚިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

މި ފަހަކަށް އައިސް ޖޭއެސްސީން ވަނީ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަން ނިންމާފައެވެ. ޖޭއެސްސީން ބުނީ އެ މައްސަލަތައް ތާވަލުކޮށްފައިވަނީ އެ ކޮމިޝަނުގެ އާއްމު އުސޫލުން ކަމަށެވެ.