16 Feb 2023, 13:18
ބީބީސީއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭގޮތުން ހެދި ޑޮކިއުމެންޓްރީ ދެއްކުން ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ކުރި މަސައްކަތް ބޭކާރުވެ، އެ ޑޮކިއުމެންޓްރީއަށް ލިބުނު ސަމާލުކަން އިތުރުވެއްޖެއެވެ.
'އިންޑިއާ: ދަ މޯދީ ކުއެޝަން'ގެ ނަން ދީފައިވާ އެ ޑޮކިއުމެންޓްރީއަކީ 2002 ވަނަ އަހަރު ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކުގައި، އޭރު ޗީފް މިނިސްޓަރުގެ ގޮތުގައި ހުންނެވި މޯދީ އަމަލުކުރެއްވި ގޮތާ މެދު ސުވާލު އުފައްދައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.
މުސްލިމުންނަށް އަމާޒުކޮށް ހަމަލާދިން އެ ހާދިސާގައި 2،000އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެ ހަމަނުޖެހުންތައް ހުއްޓުވަން ފިޔަވަޅު ނާޅަން ފުލުހުންނަށް މޯދީ އެންގެވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް މޯދީ ގެންދަވަނީ އެ ހަމަނުޖެހުންތަކުގައި އިހުމާލެއްވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.
ބީބީސީން މިދިޔަ މަހުގެ 17ގައި އެ ޑޮކިއުމެންޓްރީ ދެއްކީ ހަމައެކަނި 'ބީބީސީ ޓޫ' ޗެނަލްއިންނާއި އިނގިރޭސިވިލާތުގައި ބީބީސީ އައިޕްލޭޔާއިން އެކަންޏެވެ. އެއާއެކު އިންޑިއާ ސަރުކާރުން ވަނީ އެ އެޕިސޯޑު ޔޫޓިއުބާއި ޓްވިޓާއިން ނުދެއްކުމަށް އަމުރުކޮށްފައެވެ. އެއީ އެ ގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގަވާއިދުގެ ދަށުން، ސަރުކާރަށް ލިބިފައިވާ ކުއްލި ބާރުތައް ބޭނުންކޮށްގެންނެވެ.
އެ އަމުރާ އެއްގޮތަށް ޔޫޓިއުބާއި ޓްވިޓާއިން އަމަލު ކުރި ނަމަވެސް، އެ ޑޮކިއުމެންޓްރީގެ ފުރަތަމަ އެޕިސޯޑު ވަނީ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ފެތުރިފައެވެ. އެގޮތުން އިންޑިއާގައި ޓެލެގްރާމްއާއި ވަޓްސްއެޕް މެދުވެރިކޮށް އެ އެޕިސޯޑު ގިނަ ބަޔަކު ހިއްސާކޮށް، ބަލާފައިވެއެވެ.

އިންޑިއާގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް، ބީބީސީން ހަދާފައިވާ ޑޮކިއުމެންޓްރީ ބަލަން އުޅުމުން ހިނގި ހަމަނުޖެހުމުގެ ތެރެއިން -- ފޮޓޯ/ އޭޕީ ފޮޓޯސް
މީގެ އިތުރުން، ސަރުކާރުގެ އަމުރާ ދެކޮޅަށް އެ ޑޮކިއުމެންޓްރީ ބެލުމަށް ދިއްލީ ޔުނިވާސިޓީ އާއި އެ ޔުނިވާސިޓީތަކުގެ އެކި ކެމްޕަސްތަކުގައި ދަރިވަރުން ރޭވިއެވެ. އޭގެ ސަބަބުން އެ ދަރިވަރުންނާއި، މޯދީއަށް ތާއިދު ކުރާ ދަރިވަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމުން ފުލުހުން ވަނީ އެ އެއްވުންތައް ރޫޅާލަން ކަރުނަ ގޭސް ވެސް ޖަހާފައެވެ. އަދި އެ ޔުނިވާސިޓީތަކުން ބައެއް ދަރިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.
އޭގެ ފަހުން ޖެނުއަރީ 24ގައި އެ ޑޮކިއުމެންޓްރީގެ ދެވަނަ އެޕިސޯޑު ނެރުނު ނަމަވެސް އެ އެޕިސޯޑު ބްލޮކް ކުރަން އަންގައި އަމުރެއް ނެރެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ނަމަވެސް އިންޑިއާގެ ޓެކްސް އިދާރާއިން ވަނީ، އެގައުމުގައި ބީބީސީ ހިންގުމުގައި ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް، ދިއްލީ އާއި މުމްބާއީގައި ހުންނަ ބީބީސީގެ އޮފީސް ދެ ދުވަހު ބަލައި ފާސްކޮށްފައެވެ.
އެ ތަހުގީގު ތެރެއިން އެ އޮފީސްތަކުގެ ބައެއް މުވައްޒަފުންގެ ފޯނު ހޯދައި، އެމީހުންގެ ކޮމްޕިއުޓަރު ވެސް ޗެކްކޮށްފައިވާ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.