16 Apr 2012, 12:22
ސިފައިންގެ ކޮންމެ މީހަކު ވެސް ސިފައިންގެ ގާނޫނީ ހުވައަށް އިހުތިރާމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިފެންސް އިންޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިޔުކޭޝަންގެ ފަރާތުން ހިންގި 56 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން ސިފައިންގެ ހުވާ ކުރުމާއި ބަޑި ހަވާލުކުރުމަށްޓަކައި މިއަދު ހެނދުނު ބަންޑޭރިކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ސިފައިން އަބަދުވެސް ދެމިތިބެން ވާނީ އަމާނާތްތެރިކަމާ އެކު ސިފައިންގެ ޒިންމާތައް އަދާކުރުންމަތީ ކަމުގައި ވިދާޅުވި އެވެ. އަދި ސިފައިން ސިފައިންގެ ގޮތުގައި ނުކުމެ ސަފުތައް ރުކުރުވާލާއިރު ހަނދާނުގައި ބަހައްޓަން ޖެހޭ ތިން އަސާސެއްވާ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
އެގޮތުން އެ ތިން އަސާސަކީ އިސްލާމީ އަގީދާގައި ސާބިތުވެ ދެމިތިއްބެވުމާއި ނަފްސަށް ވުރެ ދިވެހި ގައުމު އިސްކުރުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ޓަކައި ކުރާ މަސައްކަތް ކަމުގައި ރައީސް ވިދާޅުވި އެވެ.
"ގައުމީ ސަލާމަތަށް ކުރިމަތިވާ ކޮންމެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމުގެ ކުރީ ސަފުގައި މަސައްކަތް ކުރުމަކީ ސިފައިންގެ ވާޖިބެއް"، ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިފައިންނަކީ ދުނިޔެ އާއި ގައުމަށް އަންނަމުންދާ ބަދަލުތައް ދިރާސާކޮށް ވިސްނާ ބަޔަކަށްވާން ޖެހޭ ކަމަށާއި ސިފައިންނަކީ ގައުމު ހިމާޔަތް ކުރުމުގައި އެންމެކުރީގައި އަދި އެންމެ ފަހު ވެސް ތިބޭ ސަފު ކަމަށެވެ.
"މި ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމުގައި އެހެން ހުރިހާ މުއައްސަސާތައް ތެދުވާ ވަގުތު ގައުމު ހަލާކުވިޔަނުދީ ގައުމު ސަލާމަތް ކުރަން ތިބޭ ބަޔަކީވެސް ތިޔަ ލޮބުވެތި ސިފައިން،" ރައީސް ވިދާޅުވި އެވެ.