ވޯނާ ބްރޮސްގެ ދަށުން ހިންގާ ޑީސީގެ ކޮންޓްރޮވާޝަލް ފިލްމު "ދަ ފްލެޝް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ތަފާތު އެކި މައްސަލަތައް ފެންމަތި ވެފައިވާ ލީޑް އެކްޓަރު އެޒްރާ މިލާގެ ފްލެޝް އަކީ އެކި މައްސަލަތަކާ ގުޅިގެން ލަސްވެސް ކޮށްފައިވާ ފިލްމެކެވެ. މީހުންނަށް ގޯނާ ކުރުމާއި އަނިޔާ ކުރުމުގެ އިތުރުން ވައްކަމުގެ މައްސަލަތައް ވެސް ފެންމަތިވުމާ ގުޅިގެން ފްލެޝްގެ ރޯލުން މިލާ ނުފެންނާނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ. ނަމަވެސް ވޯނާ ބްރޮސް އިން ބޭނުންވަނީ ފްލެޝް ކުރިއަށް ގެންދާށެވެ.

ޑީސީގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވާއިރު މި ފިލްމަކީ މިކަމަށް އެންމެ ބޮޑު ބަދަލެއް ގެންނާނެ މުހިއްމު ފިލްމެކެވެ. އެގޮތުން ޑީސީގެ މިހާރުގެ ސުޕަހީރޯތައް ބަދަލުކޮށްލައި އާ ސްޓޯރީލައިނަކަށް މި ފިލްމު ޓައިމްލައިން ރިސެޓް ކޮށްލާނެއެވެ.

ސުޕަބޯލް އާއެކު ވަނީ ފްލެޝްގެ އާ ޓްރެއިލަރެއް ނެރެފައެވެ. މި ޓްރެއިލަރުން ތަފާތު އެކި ކަންތައް ފެނެއެވެ. އޭގެތެރޭގައި އެކި ކަހަލަ ތަޅާލުންގަނޑުގެ ސީކުއެންސްތައް ހިމެނެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވެނީ ދެ ބެޓްމޭން ފެނިގެންދިޔުމެވެ.

މީގެ ކުރީން ބެޓްމޭންގެ ރޯލުން އެތައް އަހަރެއް ވަންދެއް ފެނުނު މައިކަލް ކީޓަން އަލުން އެ ރޯލުން ފެންނައިރު މިހާރުގެ ބެޓްމޭން، ބެން އެފްލެކް ވެސް ޓްރެއިލަރުން ދައްކައެވެ.

މިއާއެކު އެތައް ފޭނުންގެ ހިތްތަކަށް ވަނީ އުފާވެރިކަން ލިބިފައެވެ. އެއީ މައިކަލް ކީޓަން އެ ރޯލުން އެތައް އަހަރަކަށް ފަހުން ފެންނާތީއެވެ.

ފިލްމު އުފެއްދުމުގެ ފަހަތުގައި މަސައްކަތް ކުރާ ޓީމުން ބުނަނީ މި ފިލްމަކީ ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ ކަމަށެވެ. ނަމަވެސް ފޭނުން އަދިވެސް މިކަމާ ވަކި ގޮތެއް ނުނިންމައެވެ. އެއީ ޑީސީގެ ފިލްމުތަކަކީ ގިނަ ފަހަރަށް ސިނަމާތަކަށް ނިކުންނައިރު އާންމުން ބޭނުންވާ ކަހަލަ ފިލްމަކަށް ނުވާތީއެވެ. ފްލެޝް ނެރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 16 އިން ފެށިގެންނެވެ.