13 Feb 2023, 19:42
އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވަން ނިންމާފައިވާ ކޭޝިއަރެއް އަދި ސޭލްސްމަނެއްވެސް ނުހުންނަ ފިހާރަ އަންނަ މާޗް މަހު ހުޅުވާނޭކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން ހުޅުވުމަށް ނިންމާފައިވާ މި ފިހާރައާ ގުޅޭގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޭޝިއަރެއް އަދި ސޭލްސްމަނެއް ނުހުންނަ މި ފިހާރަ އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުން ދާކަމަށެވެ. މިގޮތުން މި ފިހާރައިގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އަމްރު ފާހަގަކުރެއްވިއެވެ.
މި ފިހާރައާ ބެހޭގޮތުން އެސްޓީއޯއިން މީގެ ކުރިން ބުނެފައިވަނީ، ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރާ އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން އެތަނުން ވިޔަފާރި ކުރެވޭއިރު، މި ފިހާރައިން ކަސްޓަމަރުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ.
އެގޮތުން އެ އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓްރީ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރެވޭނެއެވެ.
މި ފިހާރައިގައި ކޭޝިއަރެއް އަދި ސޭލްސްމަނެއް ނެތް ނަމަވެސް، އެ ފިހާރަ އަކީ ރާއްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ފިހާރައެކެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ފިހާރައިގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރުން ހިމެނެއެވެ. މި އޭއައި ކެމެރާތަކުން އެ ފިހާރައިގެ ހަރުތަކާއި، އަދި ސްޓޮކު ބެލެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

ފިހާރަ ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/އެސްޓީއޯ
އެސްޓީއޯއިން ބުނެފައިވަނީ، ހުޅުމާލޭގައި ހުޅުވާ އެ ފިހާރައިން ހަމައެކަނި ލިބެން ހުންނާނީ އެސްޓީއޯ އިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫން ކަމަށާއި، ކުދި އަދި އަލަށް ފަށާ ވިޔަފާރިތަކުން އުފައްދާ މުދާ ވެސް އެ ތަނުގައި ހުންނާނެ ކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖެއަށް އައު ޓެކްނޮލަޖީތައް ތައާރަފުކުރަން ކަމަށާއި އައު ޓެކްނޮލަޖީއަށް އިންވެސްޓުކުރަން ވެސް އެސްޓީއޯ އިން އިސްކަންދޭ ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފިހާރަތަކުގައި ބޭނުންކުރާ މި ޓެކްނޮލަޖީ ރާއްޖެއަށް ތައާރަފުކުރާއިރު، މިއީ މިފަދަ ޓެކްނޮލޮޖީއެއް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. މި ފިހާރައިގެ ސަބަބުން ކަސްޓަމަރުން ފިހާރައަށް ހޭދަކުރަން ޖެހޭ ވަގުތުތައް ސަލާމަތް ވުމަކީ އޭގެން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.