މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ހަމައަކަށް އެޅުވުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް މިއަދު ފަށައިފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގެ މަގުތަކަކީ އެންމެނަަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުގެ މަތީން ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި، އަމާން މާހައުލެއް ކަށަވަރުކުރުމަށް މާލޭ އޭރިޔާގެ މަގުތައް ތަރުތީބުކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ޚާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކާއި ޕާކިން ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމަށް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭ ސަރަހައްދުގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ --

މި މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެއެވެ. އަދި އެ ސަރަހައްދުތަކުގެ މަގުތައް ތަރުތީބުކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، އެ ސަރަހައްދުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެއެވެ.

ފުލުހުން ބުނީ އެ މަސައްކަތުގައި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑު ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.