13 Feb 2023, 17:54
ބޭސްފަރުވާއަށް އިންޑިއާގައި ހުއްޓާ އެ ގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް, އަދި އެ ޕާޓީގެ ސެނެޓް މެމްބަރު އަބްދުއްސަމަދު (ސަމަދުބެ) ރާއްޖެ އަތުވެއްޖެއެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރު ފަހުއެވެ.
އެއާޕޯޓުގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަމުން ސަމަދުބެ ވިދާޅުވިގޮތުގައި އޭނާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓައި، ޕާސްޕޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެއެވެ.
"ކިހިނެއްވީތޯ ސުވާލު ކުރީމާ ދެންނެވީ، ތިހުރީ ކުށްވެރިވެފައޭ، އިންޑިއާގައި ހުރުން މަނަލޭ، އިންޑިއާއަށް އެރުން މަނަލޭ." އޭނާ ވިދާޅުވިއެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި އޭނާ ވަނީ ގާތްގަނޑަކަށް 18 ގަޑިއިރު ހޭދަކޮށްފައެވެ.
މި މައްސަލާގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި، ސަމަދުބެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ ޚަބަރެއް އެއްވެސް މީހަކަށް ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއެވެ.