މިދިޔަ ހޮނިހިރު ބޭއްވި ރައްޔިތުން މަޖިލީހުގެ ދެ ބައި އިލެކްޝަނާއި ރަށު ކައުންސިލްތަކުގެ ދެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ހޮނިހިރު ދުވަހު ބާއްވާފައި ވަނީ މަޖިލީހުގެ ކާށިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނާއި ހދ. ކުމުންދޫ ރަށު ކައުންސިލާއި ތ. ގާއްދިއްފުށީ ރަށު ކައުންސިލް ބައި އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ބައި އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރައްވާނީ ހުށަހަޅާފައިވާ މައްސަލަތައް ނިންމާ މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ދާއިމީ ނަތީޖާ މާދާމާ އިއުލާން ކުރައްވާނެ ކަމަށެވެ.

"ހުށަހެޅެނު ހުރިހާ މައްސަލަ ތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން، ނަތީޖާ އިއުލާން ކުރުމުގެ ކުރިން. ޖަވާބު ދޭންޖެހޭ ފަރާތަކަށް ޖަވާބުދީ މިސާލަކަށް އެހެން ފަރާތްތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކެއް ވެއްޖެއްޔާ އެ ފަރާތަކަށް ހުށަހަޅާ އަޅުގަނޑުމެން އުއްމީދުކުރަނީ މާދަމާއަށް ފައިނަލް ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވެފައިވަނީ އިންތިހާބުތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަގުތީ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ސީރިއަސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ. މިހާތަނަށް ހުށަހަޅާފައި ވަނީ ހަތް ޝަކުވާއެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


ހޮނިހިރު ދުވަހު ބޭއްވި ހަތަރު ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާގައި މަޖިލީހުގެ ކާށިދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ އަބްދުﷲ ޖާބިރެވެ. ތިމަރަފުށީ ދާއިރާ ކާމިޔާބު ކުރެއްވެވީ ޕީޕީއެމް އަހުމަދު ޝަރީފު އާދަމެވެ.

ކުމުންދޫ ރަށު ކައުންސިލުގެ ގޮނޑި ޕީޕީއެމްގެ މުހައްމަދު ޝާފީ ކާމިޔާބު ކުރެއްވެވި އިރު ގާދިއްފުށީ ކައުންސިލުގެ ގޮނޑި ކާމިޔާބު ކުރެއްވެވީ އެމްޑީޕީގެ މުހައްމަދު އިރުޝާދެވެ.