މާލޭގެ ފަޅުގައި އޮތް ލޯންޗެއްގައި މިއަދު އަލިފާން ރޯވެއްޖެއެވެ.

މި އަލިފާން ރޯވީ ބީއެމްއެލް ކުރިމަތީ، ހަތް ނަންބަރު ފާލަމުގައި އޮތް ލޯންޗެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ ލޯންޗުގައި ރޯވުމުން މާ ބޮޑު ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ. އެ އަލިފާން ރޯވީ އިންޖީނުގައި ކަމަށާއި ފަޔާ އެންޑް ރެސްކިއު ޓީމުން ދިޔަ އިރު ވެސް އަލިފާން ނިއްވާލާފައިވާ ކަމަށް ސިފައިން ބުންޏެވެ.

މި އަލިފާންގަނޑުގެ ސަބަބުން ބާރު ގޮވުމެއްގެ އަޑު އިވުނު ކަމަށް އެ ސަރަހައްދުގައި އެވަގުތު ތިބި އާންމުން ބުނެއެވެ.

މިދިޔަ އަންގާރަ ދުވަހު މ. ދިއްގަރު ފަޅުތެރޭގައި އޮތް ލޯންޗެއް ގޮވައި ހިނގި ހާދިސާގައި ދެ މީހަކު ފިހި، އެ ދެ މީހުންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.

ފަޅުތެރޭގައި އޮންނަ ލޯންޗުތަކުގައި ރޯވުމުގެ ހާދިސާތައް ދޭތެރެދޭތެރެއިން ހިނގައެވެ.