13 Feb 2023, 15:18
މަސްތުވާތަކެއްޗާއެކު ރާއްޖެ އަންނަ ބިދޭސީން އަނބުރާ ފޮނުވާލުމަށް އަލަށް ހެދި ގަވާއިދު އިސްލާހުކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާއާ ދެކޮޅަށް އެމްޑީޕީން ވިޕް ނެރުނީ އެމްޑީޕީގެ ޕާލީމެންޓްރީ ގްރޫޕްގެ މަޝްވަރާއެއް ނެތި މައްސަލަ ހުށަހެޅުމުން ކަމަށް ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
"ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ހުރި މަސްތުވާތަކެތީގެ ގާނޫނާ ތައާރުޒުވާ ކަންކަން އުނިކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހުގެ މިއަދު ޖަލްސާއަށް ހަސަން ލަތީފް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
އެ މައްސަލަ ބަހުސްކުރުމަށް މަޖިލީހަށް ބަލައިގަތުމަށް 24 މެމްބަރަކު ވޯޓުދެއްވި ނަމަވެސް، 16 މެމްބަރުން ވަނީ ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. މައްސަލަ ބަލައިގަތުމަށްފަހު ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމައްސަލަ މަޖިލީހަށް ހުށަހެޅީ ވަރަށް މުހިންމު ބޭނުމެއްގައި ނަމަވެސް މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވިޕްލައިން ނެރުނު ކަމަށެވެ.

ހަސަން ލަތީފު: --- ފޮޓޯ/ މަޖިލިސް
މިކަމާ ގުޅޭގޮތުން އަސްލަމް "ސަން" އަށް ވިދާޅުވީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުން ފާސްކޮށްފައި އޮންނަ އުސޫލުތަކަކާއި ހަމަތަކެއް އޮންނަ ކަމަށާއި ހަސަން ލަތީފް އެމައްސަލަ ހުށަހަޅުއްވާފައިވަނީ ޕީޖީ ގްރޫޕްގެ މަޝްވަރާއެއް ނެތި ކަމަށެވެ.
"މިއަދު ހުށަހެޅުނު ކުއްލި މައްސަލާގައި އަމަލުކޮށްފައި ވަނީ ޕާލިމަންޓްރީ ގުރޫޕުގެ ރުހުމާ ނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން. އެއީ ޕީޖީ ގްރޫޕްގެ ކޮންސެންޓް އާ ލައިގެން ހުށަހެޅި މައްސަލައެއް ނޫން. އެހެންވެ އަޅުގަނޑުމެން ވާނެ ޓޫ ލައިން ރެޑް ވިޕެއް ނެރެފަ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ވިޕު ނެރުނު އަނެއް ސަބަބަކީ އެ ކުއްލި މައްސަލާގައި ޑްރަގު ޓްރެފިކު ކުރަން ސަރުކާރުން ޖާގަ ދޭކަމަށް ތުހުމަތުކޮށްފައި ވުން ކަމަށާއި، ގާނޫނާ ހިލާފަށް ގަވައިދު ހަދާފައިވާ ކަމަށް އެ ކުއްލި މައްސަލާގައި ބުނެފައިވާއިރު، އެކަމަށް ޗެލެންޖު ކުރެވޭނީ ކޯޓުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ޖެނުއަރީ މަހު އަމަލުކުރަން ފަށާފައިވާ އެ ގަވާއިދު ފެންމަތިވެގެން ދިޔައީ މިމަހުގެ އަށް ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއަށް އައި ބްރެޒިލްގެ އަންހެނެއްގެ ލަގެޖުން 2.6 ކިލޯގެ ކޮކެއިން އަތުލުމަށް ފަހު އެގަވާއިދުގެ ދަށުން އޭނާ އަނބުރާ ގައުމަށް ފޮނުވާލުމުންނެވެ.
އެއާއެކު، މި ގަވާއިދަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތައް އިތުރުވެފައިވާއިރު، ސަރުކާރުގެ ތެރެއިންނާއި، ވެރިކަން ކުރާ ޕާޓީ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުން ވެސް އެގަވާއިދަށް އެކި ގޮތްގޮތުން ދަނީ ފާޑުކިޔަމުންނެވެ.
މެމްބަރު ހަސަން ލަތީފްގެ އިތުރުން، އެ މައްސަލައާ ދެކޮޅަށް އެމްޑީޕީން ވިޕު ނެރުމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕަށް ފާޑުވިދާޅުވެފައެވެ.