އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް، އެ ޕާޓީގެ ރިޔާސީ ޓިކެޓު އަންނަ ހުކުރު ދުވަހުގެ ރޭ ހަވާލުކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ފޯރިގަދަ ރިޔާސީ ޕްރައިމަރީ، ރައީސް ޞާލިޙް ކާމިޔާބު ކުރެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފައިވާއިރު، އަންނަ ހުކުރު ދުވަހު ރިޔާސީ ޓިކެޓު ހަވާލުކުރަން އެ ޕާޓީން ވަނީ ނިންމައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހިމް ވަހީދު (އިބުރޭ) މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރާ ޖަލްސާ، އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީން މިހާރު ވަނީ އެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މާލޭ ސިޓީ ކައުންސިލްގެ ހުއްދައަކަށް ވެސް އެދިފައެވެ. އެކަމަކު، އެ ތަނުގައި ޖަލްސާ ބޭއްވުމުގެ ހުއްދައެއް ދީފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނޫނެވެ.

ޖަލްސާގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެމްޑީޕީން ފަށައިފައިވާއިރު، ރައީސްގެ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސަށް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށް އެ ދާއިރާގެ ރައްޔިތުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ޕާޓީގެ ޕްރައިމަރީ، ރައީސް ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.

ދާއިމީ ނަތީޖާ އިއުލާނު ކުރުމުން ބަލި ގަބޫލުކުރެއްވި ނަމަވެސް ނަޝީދު ވަނީ ރައީސް ޞާލިޙާއެކު އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ފަހަތްޕުޅަށް އަރުއްވަން ދެކޮޅު ހައްދަވައިފައެވެ.

ނަޝީދު ގެންދަވަނީ އެ ޕާޓީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ވަކި ހަރަކާތެއް ހިންގަން މަސައްކަތް ކުރައްވަމުންނެވެ. އެހެންވެ، ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާގައި ޕާޓީގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.