16 Apr 2012, 12:00
މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމު ކުރުމާއެކު ޖީއެސްޓީ ނުދައްކާ މީހުންގެ އަދަދު 90 އަށް ތިރިވެއްޖެ އެވެ.
މީރާއިން މިދިއަ މަހުގެ 12 ވަނަ ދުވަހު ލިސްޓު އާންމު ކުރި އިރު ޓޫރިޒަމް ދާއިރާގެ 20 ފަރާތަކާއި އެހެނިހެން ތަފާތު 105 ވިޔަފާރިއާއެކު 125 ފަރާތެއްގެ ނަން ލިސްޓުގައި ހިމަނާފައިވެ އެވެ. އަދި އަތޮޅުތަކުގައި ވިޔަފާރި ކުރާ 38 ފަރާތެއް ވެސް ޖީއެސްޓީ ނުދައްކާ އޮތް ކަމަށް ބުންޏެވެ.
މީރާއިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރީ ފޯނުންނާއި، އެސްއެމްއެސް އަދި އީމެއިލް އިން ތަކުރާރުކޮށް މުއާމަލާތްކުރުމަށް ފަހު ވެސް އެ ފަރާތްތަކުން ޖީއެސްޓީ ނުދެއްކުމުން ކަމަށެވެ. އަދި އެ ލިސްޓުގައިވާ ހަތަރު ފަތާރަކަށް އެއްގޮތަކަށް ވެސް ގުޅިފައި ނުވާކަމަށް މީރާއިން ބުނެ އެވެ.
އެ އޮތޯރިޓީން މިހާރު ނިންމާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ނަން ލިސްޓު ގެޒެޓްގައި އާންމުކުރާ ގޮތަށެވެ. މީރާގެ އޮފިޝަލަކު ވިދާޅުވީ ލިސްޓް އާންމު ކުރި ނަމަވެސް ޖީއެސްޓީ ދައްކާ ފަރާތްތައް ލިސްޓުން އުނި ކުރާނެ ކަމަށެވެ.
މީރާއިން މިހާރު އަންނަނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ އެކައުންޓްތައް ފްރީޒް ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އާ އެކު މަޝްވަރާ ކުރަމުންނެވެ. ޖީއެސްޓީ ދެއްކުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 4298 މީހުންނެވެ.
ޖެނެރަލް ޖީއެސްޓީގެ ގޮތުގައި މީރާއަށް މިދިޔަ މަހު 74 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓީ-ޖީއެސްޓީގެ ގޮތުގައި 184 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.