13 Feb 2023, 13:49
ވޮޝިންޓަން (13 ފެބްރުއަރީ 2023): ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގައި ރަޝިއާ ބަލިކުރަން ބޭނުންވާ ހަތިޔާރު ހުޅަނގުން ހޯދަންކުރާ މަސައްކަތުގައި ކުރިއެރުން ނުލިބޭތީ ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ މިހާރު މާޔޫސްވެވަޑައިގެންފި ކަމަށް އެމެރިކާގެ މަޖައްލާ އެއްކަމަށްވާ "ނިއުސްވީކް" ބުނެފިއެވެ.
"ނިއުސްވީކް"ގައިވާ ރިޕޯޓެއް ބުނާގޮތުން ޒެލެންސްކީ މާޔޫސްވުމަށް މެދުވެރިވި ސަބަބުތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސަލެވޭނެ ކަމަށްބުނެ އެމެރިކާއާއި ޔޫރަޕުން އޭނާއަށް ދިން ޔަގީންކަން ބިލާހަކަށް ވެގެންދިޔުމާއި ރަޝިއާއާ ކުރިމަތިލެވޭވަރުގެ ހަތިޔާރު ދޭނެކަމަށްބުނެ އެމެރިކާއާއި ޔޫރަޕުން ވީ ވައުދުތައް ނުފުއްދުން ހިމެނެއެވެ.
މީގެތެރޭގައި ރަޝިއާ އާ ދެކޮޅަށް ޔުކްރެއިންނަށް ބަރުހަތިޔާރު ދޭން އެމެރިކާއާއި ޔޫރަޕް ފަސްޖެހުމާއި ދޭން އެއްބަސްވާ ހަތިޔާރު ފޮނުވެނީވެސް ވަގުތުފާއިތުވުމަށްފަހުގައި ކަމަށްވުން ހިމެނެއެވެ.
މި މަޖައްލާ ބުނާގޮތުން ޔުކްރެއިން ސިފައިން މިހާރު ތައްޔާރުވަނީ މާޗްމަހު ރަޝިއާ ސިފައިން ފަށާނެ ރަބީއު މޫސުމުގެ ވަރުގަދަ ހަމަލާތަކަށެވެ. މިހަމަލާތަކާ ކުރިމަތިލާން 400 ޓޭންކާއި ގިނަ އަދަދެއްގެ ފައިޓާޖެޓް މަތިންދާބޯޓު ބޭނުންވާއިރު މިކަމަށްޓަކައި ޒެލެންސްކީ އެމެރިކާއާއި އިނގިރޭސިވިލާތާއި ނޭޓޯގެ މައިމަރުކަޒު ހުންނަ ބްރަސަލްސް އަށް އޭނާ ކުރެއްވި ދަތުރުފުޅުތަކުން ލިބުނީ 100 އެއްހާ ޓޭންކް ލިބޭނެކަމުގެ ޔަގީންކަމެވެ.
މި 100 ޓޭންކްވެސް ލިބޭނެކަމަށްވަނީ އެޕްރީލްމަހުގެ ފަހުކޮޅުގައި ކަމަށްވާއިރު އޭރު އޮންނާނީ ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިނަށް ލިބޭނެ ގެއްލުންތައްލިބި އެގެއްލުންތައް އަލުން އިއާދަނުކުރެވޭ ހިސާބަށްގޮސް ވަގުތު ފާއިތުވެފައިކަން ޒެލެންސްކީއަށްވަނީ ގަބޫލުކުރެވިފައެވެ. އަނެއްކޮޅުން ފައިޓާޖެޓް މަތިންދާބޯޓު ދިނުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް މިހާރުވެސް ދަނީ ފަސްޖެހެމުންނެވެ.
އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ހުޅަނގުގެ އެއްގައުމުން ޓޭންކް ކޮޅެއް އަނެއްގައުމުން ބޮޑުބަޑިކޮޅެއް އަނެއްގައުމުން ދެތިން ފައިޓާޖެޓް ހޯދައިގެން ރަޝިއާފަދަ ބާރުގަދަ އަދި ދުނިޔޭގެ އެންމެ ބޮޑެތި ހަތިޔާރުގެ ކާރުޚާނާތައް ހުރި ގައުމަކާ ޔުކްރެއިނަށް ހަނގުރާމައެއް ނުކުރެވޭނެއެވެ.
ހުޅަނގުން ޔުކްރެއިނަށް ދޭ ޓޭންކްފަދަ ބަރު ހަތިޔާރުތައް ޕޮލެންޑްގެ މަގުން ޔުކްރެއިނަށް ވެއްދި ނަމަވެސް އެތަކެތި ހަނގުރާމައިގެ މައިދާނަށް ގެނެވޭނީ ހާހެއްހާ ކިލޯމީޓަރު ގެ ރާސްތާއަކަށްފަހުގައި ކަމަށްވާތީ އެތަކެތި ގެންނައިރު ރަޝިއާ ވައިގެމަގުންނާއި މިސައިލް ހަމަލާދީގެން އެތަކެތި ހަލާކުކޮށްލާނެކަމުގެ ބިރު ޔުކްރެއިން ގެންދަނީ އިހުސާސް ކުރަމުންނެވެ. ރަޝިއާ ވަނީ މިގޮތަށް ކަންކުރާނެ ކަމުގެ އިންޒާރުވެސް އެތައް ފަހަރަކު ދީފައެވެ.
ޔުކްރެއިން ހަނގުރާމައަށް އެއް އަހަރުވާން ގާތްވެފައިވާއިރު ހަނގުރާމައިގެ މައިދާނުގައި ޔުކްރެއިންގެ ސިފައިން ފަހަތަށް ޖެހެމުންދާތާ މިހާރުވަނީ ހަތަރުމަސް ވެފައެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެއްވެސް ވަރަކަށް ޔުކްރެއިން ސިފައިންނަށް ރަޝިއާގެ މައްޗަށް ކުރިއެރުމެއް ނުހޯދެއެވެ. އޭގެބަދަލުގައި ރަޝިއާ ސިފައިން ވަނީ ޔުކްރެއިން ސިފައިން ފަހަތަށް ޖައްސައި ދުންބާސް ސަރަހައްދުގެ އެތައް އަވަށަކާއި ބޮޑު ސިޓީއެއްކަމަށްވާ ސޮލިދާރު ހިފާފައެވެ.
މިހާރު ރަޝިއާ ސިފައިންވަނީ ދުންބާސްގައި ދެން ނުހިފިއޮތް ބައި ހިސާރުކޮށްފައެވެ. އެބައިގައި ހިމެނޭ ބަޚްމުތު ސިޓީގެ ބޮޑުބައެއްވެސް މިހާރުވަނީ ރަޝިއާ ސިފައިންގެ އަތްދަށުގައެވެ.
އަނެއްކޮޅުން ޔުކްރެއިން ސިފައިންވަނީ ރޫޅުމުގެ މަގުމަތީގައި ކަމަށާއި ޔުކްރެއިން ސިފައިންގެ ތެރެއަށް އެގައުމުގެ ޒުވާނުން ވެއްދުމަށް ޒެލެންސްކީގެ ސަރުކާރުން ގެންދަނީ އެގައުމުގެ ޒުވާނުންނަށް ބަޑިން ބިރުދައްކަމުން ކަމަށް ޔުކްރެއިން ހަނގުރާމައިގެ ހާލަތު ދިރާސާކުރާ އެމެރިކާގެ ކުރީގެ ޖެނެރަލެއްކަމަށްވާ މެކްގްރެގޯ ވަނީ ވިދާޅުވެފައެވެ.
މެކްގްރެގޯ ވިދާޅުވެފައިވާގޮތުން ކުރީގެ ސޮވިއެޓް ޔުނިޔަންގެ ހަތިޔާރުގެ މުޅި އިންޑަސްޓްރީ ވާރުތަވެގެންދިޔަ މިހާރުގެ ރަޝިއާއަކީ އެމެރިކާއާއި ޔޫރަޕްގެ ހުރިހާ ގައުމެއްގެ ހަތިޔާރުގެ އިންޑަސްޓްރީ އެއްކޮށްލުމުންވެސް އެއާ އެއްވަރަށް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ބޮޑުބާރެކެވެ.
މިވަރުގެ ބޮޑު އަސްކަރީ ބާރަކާ ހަނގުރާމަކޮށްގެން ޔުކްރެއިންފަދަ އާބާދީމަދު އަދި އަސްކަރީ ސިނާއަތުނެތް ކުޑަގައުމެއްގެ ސިފައިން ކުރިހޯދާނެ ގޮތެއް ނުވިސްނޭކަމަށާއި ނަމަވެސް އަފްޣާނިސްތާނުގެ ތާލިބާނުން ހަނގުރާމަކުރި ގޮތަށް އެތައް އަހަރުތަކަކަށް ދިގުލައިގެންދާ ގެރިއްލާ ހަނގުރާމަ ރަޝިއާއާ ވެސް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ހަނގުރާމައެއް ކުރެވޭނީ ޔުކްރެއިން ސިފައިންނަށް ނޫންކަމާއި ވަކިވަކި ޖަމާއަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާ ރަބީއު މޫސުމުގައި ޔުކްރެއިންއާ ދެކޮޅަށް ފަށާ ހަމަލާތަކުގައި ޔުކްރެއިން ސިފައިން އިނދަޖެހި ޔުކްރެއިން ހަނގުރާމަ ނިމުމުގެ ކޮޅުމަތި ފެންނާނެކަމަށް އަސްކަރީ ތަޖުރިބާކާރުން ލަފާކުރައްވައެވެ.