ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދޭ, ޢާއިލީ ވާހަކަ ކިޔައިދޭ ފިލްމު "ގުލްމޯހަރް"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

މި ފިލްމަކީ ކުރީގެ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ޝަރްމީލާ ޓެގޯރް އެންމެ މުހިއްމު ރޯލުން ފެންނަ ތާރީޚީ ފިލްމެވެ. މިފިލްމަކީ، އޭނާ ވަރަށް ގިނަ ދުވަސްވަންދެން ފިލްމުތަކުން ނުފެނި ހުރުމަށްފަހު ބެލުންތެރިންނާ ބައްދަލުކުރާ ފުރަތަމަ ފިލްމުވެސްމެއެވެ. ޝަރްމީލާގެ އިތުރުން އެކްޓަރު މަނޯޖް ބަޖްޕަޔީ މުހިއްމު ރޯލަކުން ފެންނަ މިފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާގައެވެ.

ރާހުލް ވީ ޗިޓެއްލާ ޑައިރެކްޓްކުރާ މިފިލްމަކީ ޢާއިލާތެރޭގައި ދިމާވާ މައްސަލަގަނޑެއްގެ ސަބަބުން ޢާއިލީ ގުޅުންތަކަށް އަންނަ ބަދަލުތައް ކިޔައިދޭ ވަރަށް ޖަޒުބާތީ ފިލްމެކެވެ. މީގެއިތުރުން މާޒީގައި ޢާއިލާގައި ހިނގާފައިވާ ކަންތައްތަކެއް އެނގުމާ ހިސާބުން މުޅި ޢާއިލާއަށް ސިހުން ލިބެއެވެ.

އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާއެކު ބަތަލާ ޝަރްމީލާ ޓެގޯރަށް ގިނަ ބަޔަކުވަނީ ތަޢުރީފުކޮށްފައެވެ. ޝަރްމީލާގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް މިއަންނަނީ 13 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން ޝަރްމީލާ ސްކްރީނުން ފެނުނީ 2010ވަނަ އަހަރު ރިލީޒްވި ފިލްމު "ބްރޭކްކޭ ބާދް"އިންނެވެ. ޝަރްމީލާ އާއި މަނޯޖް ބަޖްޕަޔީގެ އިތުރުން ފިލްމު "ގުލްމޯހަރް"އިން ފެންނަ މުހިއްމު ތަރިންގެ ތެރޭގައި ފިލްމު "ލައިފް އޮފް ޕައި"ގެ އެކްޓަރު ސޫރަޖް ޝަރްމާވެސް ހިމެނެއެވެ.

ފިލްމު "ގުލްމޯހަރް" ކުރިއަށް އޮތް މާޗު މަހުގެ ތިންވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ފިލްމު ރިލީޒްކުރުމުގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައެވެ. ހިންދީ ސިނަމާގެ ރަންޒަމާނުގައި ގިނަ ބައެއްގެ ހިތް އަތުލި ބަތަލާ ޝަރްމީލާގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭގައި، "އޭން އިވްނިންގް އިން ޕެރިސް" ހިމެނެއެވެ. ޝަރްމީލާގެ ކެރިއަރުގެ ރީތި ގިނަ ފިލްމުތަކުގައި ފެނުނީ އޭރުގެ އެންމެ މަޤުބޫލު އެކްޓަރު ޝައްމީ ކަޕޫރާއެކުއެވެ.