ޔާޝް ރާޖްގެ ގިނަ ފިލްމުތަކުން ފެންނަ ބަތަލާ ވާނީ ކަޕޫރަށް ޑައިރެކްޓަރު ގޯޕީ ޕުތުރަންގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ޑައިރެކްޓަރު ގޯޕީ ޕުތުރަންއަކީ، ޔާޝް ރާޖް ފިލްމްސްއިން ގެނެސްދިން "މަރްދާނީ 2"ގެ ޑައިރެކްޓަރުވެސްމެއެވެ. ޚަބަރު ލިބޭގޮތުގައި ވަކި ނަމެއް ހަމަޖެހިފައިނުވާ އެ ފިލްމަކީ، ވަރަށް ވަރުގަދަ ކްރައިމް ތްރިލާއެކެވެ. ބަތަލާ ވާނީ ކަޕޫރު މީގެކުރިން ފެނިފައި ނުވާފަދަ ތަފާތު ރޯލަކުން އެ ފިލްމުން އޭނާ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމުގެ ސްކްރިޕްޓް ކަޕޫރަށް ވަރަށް ކަމުދިޔަކަމަށާއި ފިލްމުގައި އޭނާ ފެންނަ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ޚަބަރުތަކުގައިވެއެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް އަދި ނުނިމޭތީ ފިލްމުގެ ޝޫޓިން ފެށުން މިއަހަރުގެ މާޗް މަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި ފިލްމުގައި ބަތަލާ ވާނީ ކަޕޫރާއެކު ފެންނަ އިތުރު ތަރިންގެ މައުލޫމާތާއެކު މިފިލްމު ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޝުދް ދޭސީ ރޮމޭންސް"އިން 2013ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ވާނީއަށް ފިލްމު އިންޑަސްޓްރީއިން ލިބޭ ފުރުޞަތުތައް ވަރަށް މަދެވެ. އަދި އާންމުން ޓްރޯލްކުރާ ބަތަލާއިންގެ ތެރޭގައި ވާނީ ކަޕޫރުވެސް ހިމެނެއެވެ.

ފަހަކަށްއައިސް ޔާޝް ރާޖް ފިލްމްސްއިން ވާނީއަށް ފުރުޞަތު ލިބެމުން އަންނައިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ އެ ކުންފުނިން މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޝަމްޝޭރާ"އިންނެވެ. ވާނީގެ ފިލްމީ ކެރިއަރުގައި ބެލުންތެރިންގެ މެދުގައި މަގުބޫލުވި ފިލްމުތަކުގެތެރޭގައި، "ބޭފިކްރޭ"، ވޯ" އަދި "ޗަންދިގަރްކީ އާޝިޤީ" ހިމެނެއެވެ.

ޑައިރެކްޓަރު ގޯޕީ ޕުތުރަންގެ ފިލްމު ރިލީޒްކުރާނެ ވަކި ދުވަހެއް އިޢުލާނުނުކުރެއެވެ.