ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން ހުންނަވަނިކޮށް އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް, އަދި ސެނެޓް މެމްބަރު އަބްދުއްސަމަދު (ސަމަދުބެ)، ދޫކޮށްލަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންޑިއާ ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

ސަމަދުބެގެ އާއިލާއިން "ސަން"އަށް ކިޔައިދިން ގޮތުގައި، އޭނާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ، އާއިލާއާއެކު އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ހުންވަނިކޮށް، ޕާސްޕޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އިއްޔެ މެންދުއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންޑިއާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ އާއިލާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް އޭނާގެ އެެއްވެސް ޚަބަަރެއް ނުވާކަމަށެވެ.

ސަމަދުބޭގެ ގާތް ރައްޓެހިންގެ ފަރާތުން އެންމެ ފަހުން ލިބުނު މައުލޫމާތަކީ މިއަދުގެ މެންދުރުގެ ފްލައިޓަކުން އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލާ ކަމެވެ. އެހެން ނަމަވެސް، މިއަދުގެ އެއްވެސް ފްލައިޓެއްގައި އޭނާ މާލެ ގެނެވިފައި ނުވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ފާހަގަކުރި އެވެ.

"ޢަބްދުއްސަމަދު ވީތަނެއް ހޯއްދަވައިދެއްވުމަށާއި، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އޭނާއާއި ބެހޭ މައުލޫމާތު އާއިލާއަށް ހިއްސާ ކޮށްދިނުމަށާއި، މިވަގުތު އިންޑިއާގައި މަގުމަތިވެފައިވާ އޭނާގެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް މި ކޯލިޝަނުން ދިވެހި ސަރުކާރަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

އިދިކޮޅުގެ ބަޔާނުގައި، ސަމަދުބޭ ދޫކޮށްލަން ގޮވާލުމުގެ އިތުރުން އޭނާ ވީތަނެއް ހޯދައިދީ އޭނާއާ ބެހޭ މައުލޫމާތު އާއިލާއާ ހިއްސާކޮށްދޭން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. އަދި އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ފޮރިން މިނިސްޓްރީ އާއި، ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.