12 Feb 2023, 22:31
ސޯޝަލް މީޑިއާގައި މަޝްހޫރު ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީން، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން އޭނާގެ ބައްޕައާ ދެކޮޅަށް ނެރެދެން އެދިފައިވާ އަމުރެއް ނެރެން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ކައިޒީން ވަނީ ބޯޓެއްގެ މިލްކުވެރިކަމާ ގުޅިގެން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދައުވާކޮށްފައެވެ.
އެ މައްސަލާގައި ކައިޒީން ބުނީ، އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް ގަންދިން ބޯޓު އޭނާގެ ރުހުމެއް ނެތި އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެފަހަރު ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދީފައެވެ.
މިފަހަރު ކައިޒީން މައްސަލަ ހުށަހެޅީ އިބްރާހީމްގެ ނަމުގައިވާ ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އެދިއެވެ. ނަމަވެސް، ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާއެކު، ކޯޓުން ވަނީ އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާފައެވެ.