13 Feb 2023, 09:14
ފާއިތުވި އަހަރު މުޅި އިންޓަނެޓުގައި ވެސް އެންމެ ގަދައަށް ޓްރެންޑުވެފައިވާ ސެލެބްރިޓީ ޖޯޑު ކަމަށްވާ މޭގަން ފޮކްސް އާއި މެޝީން ގަން ކެލީ ރުޅިވި ކަމަށް ޚަބަރު ފެތުރެން ފަށައިފިއެވެ.
ކިތަންމެ އަޑު އަހަން އަދި ބަލަން ބޭނުން ނުވި ނަމަވެސް މިދިޔަ އަހަރު އެންމެ ގިނައިން އިންޓަނެޓާއި މީޑިއާތަކުން ފެނިފައިވާ ޖޯޑަކީ އެކްޓަރު މޭގަން އާއި ލަވަކިޔުންތެރިޔާ މެޝީން ގަން އެވެ. ތަފާތު އެކި ރެޑް ކާޕެޓުން ފާޑުފާޑުގެ އައުޓްފިޓުގައި އެކީ ފެނިގެން ގޮސްފައިވާއިރު ދެމީހުންގެ އާދަޔާ ހިލާފު ހައިރާން ކުރަނިވި ލައިފްސްޓައިލްތަކުން ދެމީހުން މީޑިއާ އާ ދުރުވާ ވަގުތެއް ނާދެއެވެ.
މި ޖޯޑު ދާދި ފަހުން ވެސް އެކީގައި ފެނިފައި ވަނިކޮށް ކުއްލިއަކަށް މި ލިބުނީ ހައިރާން ކުރަނިވި ޚަބަރެކެވެ. އެއީ ދެމީހުން ރުޅިވި ކަމަށް ދެކެވޭ ވާހަކަތަކެކެވެ.
ކައިވެނި ކުރުމަށްޓަކައި އެންގޭޖުވެފައިވާ މި ދެ ތަރީން މިހާރު ރުޅިވެފައިވާ ކަމަށް އިޝާރާތްކޮށްފައި ވަނީ މޭގަން ކުރި ޕޯސްޓަކުންނެވެ.
މޭގަން ވަނީ މެޝީން ގަން އާއެކު ނަގާފައިވާ ހުރިހާ ފޮޓޯތަކެއް އިންސްޓަގްރާމުން ޑިލީޓުކޮށްލާފައެވެ. އަދި އެއަށްފަހު އޭނާ ވަނީ މާނަ ނޭނގޭ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީއަށް ލާފައެވެ.
މި ސްޓޯރީގައި މޭގަން ސިޓީއެއްގައި ރޯކޮށްލާ މަންޒަރު ފެނެއެވެ. އަދި ބިޔޯންސޭގެ ލަވައެއް ވެސް އޭނާ ވަނީ ކުއޯޓް ކޮށްފައެވެ. މިކަމާ ގުޅޭގޮތުން އެކަކު ވެސް ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މޭގަން ކައިވެނިކޮށްގެން އުޅުނު ބްރާޔަން އޯސްޓިން ގްރީން އާ އޭނާ 2021 ވަނަ އަހަރު ވަރިވިއިރު 2019 ގައި އެ ދެ މީހުން ވަނީ ވަކިވެފައެވެ. އެއާއެކު 2020 ވަނަ އަހަރުން ފެށިގެން މެޝީން ގަންއާއެކު އުޅޭކަން މޭގަން ވަނީ ހާމަކޮށްފައެވެ. އެއަށްފަހު ދެމީހުން އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ.