14:30


ފުލުހުން ޖުޑީޝަލް ސާރވިސް ކޮމިޝަން ބަންދުކުރި މައްސަލައިގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ޖަވާބުދާރީވެފައިނުވާތީ އެކަން އެ ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.  


ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން ކަންތައް ކުރަނީ ގާނޫނާއި ގަވާއިދަށްތޯ ބެލުމަކީ ފުލުހުންގެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެ ކޮމިޝަނަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ފުލުހުން ޖަވާބުދާރީ ވުމަށް އިންކާރު ކުރުމުން އެކޮމިޝަނުގެ މަސައްކަތައް ހުރަސް އެޅިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ވަކި ފަރާތަކަށް ނުޖެހި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.


ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވީ ތީމުގޭގައި ހިނގަމުން އަންނަ ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ޖޭއެސްސީގެ އިދާރާ ފުލުހުން މިއަދު ބަންދުކުރުމާ ގުޅިގެން، އެތަން ބަންދުކުރީ ކީއްވެގެންތޯ އެތަނުގައި އޭރު ތިބި ފުލުހުންނާ ސުވާލު ކުރުމުން ޖަވާބުދާރީވުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ފުލުހަކީ ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ޖަވާބުދާރީ ވާންޖެހޭނެ ފުލުހެއް ކަމަށް ވެސް ޝަހިންދާ ވިދާޅުވި އެވެ. ޝަހިންދާ ވިދާޅުވީ އެ މައްސަލަ މިހާރު އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.


އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އޮންނަ އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުން އަބަދުވެސް ކޮންމެ ކަމަކަށް ވެސް ޖަވާބުދާރީ ވަމުންދާނެ ކަމަށެވެ.


ޕޮލިސް އިންޓެގްރިޓީގެ ބައެއް ބޭފުޅުން އެތަނަށް ވަޑައިގެން އެތާ ތިއްބެވި ފުލުހުންނާ ތަކުރާކުކޮށް ސުވާލުކުރި މައްނަޒަރު އެ ސަރަހައްދު ކަވަރުކުރަމުންދިޔަ ނޫސްވެރިންނަށް ވެސް ވަނީ ފެނިފަ އެވެ.