19:00


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހަޅުއްވައިފި އެވެ.


މި ބިލް އަލުން މި ހުށަހެޅުއްވީ، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ބިލަށް އިޞްލާޙު ގެންނަވައި، ބިލު އިތުރަށް ފުރިހަމަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


އިޞްލާޙު ކުރައްވައި ހުށަހެޅުއްވި އެބިލުގައި، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއް ހިންގަންވާނީ، ޤާނޫނުއަސާސީއާއި އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ އިދާރާ ހިންގުމަށް އިންތިޚާބުކުރާ އަތޮޅު ކައުންސިލުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރޭގައި، ދެޖިންސުގެ މީހުން ހިމެނުމުގެ ފުރްޞަތު ކަށަވަރުކޮށްދިނުމަށްޓަކައި، ކައުންސިލުގައި ހިމެނޭ މެންބަރުންގެ ޢަދަދުގެ ތެރެއިން އެއްވެސް ޖިންސަކަށް ނިސްބަތްވާ ޢަދަދު ސައްތައިން ތިރީހަށްވުރެ މަދުނުވާގޮތަށް ރަށު ކައުންސިލަށާއި ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރެވޭނެ ނިޒާމެއް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ހަމައެއާއެކު، ކޮންމެ ރަށު ކައުންސިލެއްގައި، އެ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 10 މެންބަރުންގެ ކޮމިޓީއެއް އޮންނަންވާނެ ކަމަށާއި، މި ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނީ އެރަށުގެ އަންހެނުންގެ މެދުގައި ބާއްވާ އިންތިޚާބަކުން ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ އިދާރާތަކުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ދޭންޖެހޭ ޚިދުމަތްތައް ދިނުމަށާއި، ސަރުކާރުގެ މިނިސްޓްރީތަކުންނާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕްރޮވިންސް އޮފީސްތަކެއް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ކަމަށާއި ޕްރޮވިންސް އޮފީސްތައް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓްރީއެއްގެ ބެއްލެވުމުގެ ދަށުން ކަމަށްވެސް އެ ބިލުގައިވެ އެވެ.


ހަމައެއާއެކު، ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރަށް ލަފާ ދެއްވުމަށްޓަކައި ޕްރޮވިންސް ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާނެ ކަމަށާއި، ޕްރޮވިންސް ކައުންސިލް އެކުލެވިގެންވަނީ، އެ ޕްރޮވިންސްގައި ހިމެނޭ ކޮންމެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުން އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ 3 މެންބަރުންނާއި، އެ އިދާރީ ދާއިރާއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ 2 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.


ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅުއްވާފަ އެވެ. މި ބިލް، ސަރުކާރުން މިހުށަހެޅީ، ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވެ ކުރިއަރަމުންދާއިރު، ދެމެހެއްޓެނިވި ޞިނާޢަތަކަށް އެޞިނާޢަތު ހައްދަވައި ބައްޓަން ކުރެއްވުމަށް ޤާނޫނަށް ގެންނަވަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ބަދަލު ގެންނެވުމަށާއި، ފަތުރުވެރިކަމުން ސަރުކާރަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ޤާނޫނު މެދުވެރިކޮށް ތަޢާރުފުކުރުމަށް ކަމަށްވެސް ރަޢީސް އޮފީހުން ބުނެ އެވެ.