13 Feb 2023, 09:02
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް ކައިވެނިކުރުމަށް ހުށަހެޅުމަށް ހިތުލި ކޮންމެ ފަހަރަކަށް ހެދި، އަނގޮޓިތަކުގެ ޖަވާހިރު ބޭނުންކޮށްގެން ތައްޔާރުކުރި ފަށުގެ އަގު 10 މިލިއަން ޑޮލަރަށް ވުރެ މަތި ވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ޑްރޭކް ދާދިފަހުން ވަނީ ޖަވާހިރުން ފުރިގެންވާ ފަށެއް ހަދާފައެވެ. މި ފަށް ފުރާލެވިފައިވަނީ ހުސް ޖަވާހިރުންނެވެ.
ޑްރޭކް ބުނިގޮތުގައި އެއިން ކޮންމެ ޖަވާހިރަކީ އަނގޮޓިއެކެވެ. އަދި އެއިން ކޮންމެ އަނގޮޓިއަކީ އޭނާ އެކީގައި އުޅުނު ލޯބިވެރިންގެ ތެރެއިން މީހަކާ ކައިވެނި ކުރުމަށް ހިތުލި ކޮންމެ ފަހަރެއް ރަމްޒުކުރުމަށް ހެދި އަނގޮޓިތަކެއް ކަމަށް ޑްރޭކް ބުނެއެވެ. އަދި އެއިން އެއްވެސް ފަހަރަކު އެ ކައިވެންޏެއް ކުރުމަށް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.
https://twitter.com/DailyLoud/status/1602576304192294914/video/2
އެ ފަށުގައި ޖުމްލަ 42 ޖަވާހިރު ހިމެނެއެވެ.
އޭގެ ފަހުން މިދިޔަ ހަފުތާ ބަންދުގައި ޓިކްޓޮކް ވީޑިއޯއެއްގައި މީހަކު ކުރާ ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ވަނީ އެ ފަށުގެ އަގު ހާމަކޮށްފައެވެ.
ޑްރޭކް އާ ސުވާލު ކޮށްފައިވަނީ އޭނާގެ އައުޓްފިޓާ ގުޅޭގޮތުންނެވެ. އެގޮތުން ސުވާލު ކުރާ މީހާ އެންމެ ފުރަތަމަ އަހަނީ ފަށުގެ ވާހަކައެވެ. އެއާއެކު ޑްރޭކް ބުނަނީ އޭގެ ޖަވާބު ފަހުން ދޭނެ ކަމަށެވެ.
https://twitter.com/DailyLoud/status/1624576575491506178
ޑްރޭކްގެ އައުޓްފިޓުގެ އަގުތައް ކިޔަމުން ބުނެފައިވަނީ އޭނާގެ ކަންފަތުލާފައިވާ އެއްޗަށް އެކަނިވެސް ޖުމްލަ 1،200 ޑޮލަރު އަރާނެ ކަމަށެވެ. އޭނާ ލައިގެން ހުރި ހެދުމުގެ އަގު ބޮޑު ނޫން ކަމަށް އިޝާރާތްކޮށް އެންމެފަހުން ކަރުގައި އޮތް ފަށުގެ އަގު ބުންޏެވެ. އެގޮތުން އެ ފަށުގެ އަގު ހަމަ ގައިމުން ވެސް 10 މިލިއަން ޑޮލަރުން މަތިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ފަށުގެ އަގާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ޑްރޭކްއަށް ރައްދުވެފައެވެ.