މާލެއިން ގެއްލިގެން ހޯދަމުންދާތާ ހަފުތާއެއް ވެފައިވާ 31 އަހަރުގެ ސ. މަރަދޫފޭދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް އެންމެ ފަހުން ފެނިފައިވަނީ އެއާޕޯޓް ޓާމިނަލް ކައިރިން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އާސިރު ހޯދުމަށް ކުރަމުންދާ މަސައްކަތުން އަދިވެސް އޭނާ ފެނިފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އާސިރު ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކާއި އެއާޕޯޓުގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖް ބަލާފައިވާ ކަމަށެވެ.

އެގޮތުން ބެލިބެލުމުން ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ 19:20ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލްއަށް މަޑުކުރުމުން، އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އެއްވެސް އެއާލައިން އަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވެއެވެ.

އެހެންކަމުން އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖްތަކާއި އެއާޕޯޓުގެ އިތުރު ސަރަހައްދުތަކުގެ ފުޓޭޖްތައް ބެލުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އާސިރު ގެއްލުނުތާ މިއަދަށް އަށް ދުވަސް ވެފައިވާއިރު އޭނާގެ ބައްޕަ އިސްމާއީލް މުހައްމަދު މީގެ ކުރިން "ސަން"އަށް ބުނީ އާސިރު އެންމެ ފަހުން ފެނުނީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.

"އެރޭ ހަތްގަޑި ކޮންމެވެސް އެއްޗެއްގަ ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވޭ. ގޭގަ ނެތްކަން އަހަރެމެންނަށް އެނގުނީ އަނެއް ދުވަހު ހެނދުނު،" އޭނާ ބުންޏެވެ.

މުހައްމަދު ބުނީ، އާސިރު ގެއިން ނުކުތީ އެއްވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ނުވަތަ ރުޅިއައިސްގެން ނޫން ކަމަށެވެ. އެހެން ބުނި ނަމަވެސް އޭނާއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަން އާއިލާއިން ވަނީ ދެކޮޅުހަދާފައެވެ.

މިދިޔަ އާދިއްތަ ދުވަހު އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފައި ވާއިރު، ފުލުހުން ބުނީ، އޭނާ އެންމެ ފަހުން ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 19:30 ހާއިރުކަމަށް އާއިލާއިން ބުނި ކަމަށެވެ. އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް، އާއިލާއާ ހަވާލާދީ، ފުލުހުން ހާމަކުރިއެވެ.

އާސިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.