ނ. ފޮއްދޫން ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ބުނީ އެ ރަށުން ދިރިއުޅުމަށް ޓަކައި ދޫކުރަން ނިންމާފައިވަނީ 2000 އަކަފޫޓުގެ 30 ގޯތި ކަމަށެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ "ސަން"އަށް ވިދާޅުވީ ރަށުން ގޯތި ދޫނުކުރާތާ ދެތިން އަހަރު ފަހުން ގޯތި ދޫކުރުމަށް ނިންމާފައި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވި ފަހުން ތަންކޮޅެއް ގިނަ ދުވަސް ފާއިތުވެދިޔަ ފަހުން ކަމަށެވެ.

"ކުރީ ކައުންސިލުން އޮތީ 100 ގޯތި ދޫކޮށްފަ. ދެން އަލަށް އައި ކައުންސިލުން މި ވަނީ އެ އަދަދު 30އަށް ދަށްކޮށްފައި. އެއީ 100 ގޯތި އެއްފަހަރާ ދީފި ނަމަ މިރަށުން ބިން ހުއްވެދާނެތީ،" މުޙައްމަދު ވިދާޅުވިއެވެ.

ގޯއްޗަށް އެދުމުގެ ބައެއް ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެހިރައްޔިތަކަށް ވުމާއި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން ހިމެނެއެވެ.

މީގެ އިތުރުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓް އަށްވުރެ ބޮޑު ބައެއް ލިބިފައި ނުވުމާއި ސަރުކާރުން ހަދާ ފްލެޓެއް ނުވަތަ ހައުސިން ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން އަދި އެއްމެދު އިމާރާތެއް ފްލެޓެއް ނުވަތަ ހައުސިން ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުމަކީ ވެސް ޝަރުތެކެވެ.

ފޮއްދޫ ކައުންސިލުން ބުނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަން ޖެހޭނީ ކައުންސިލް އިދާރާއަށް ކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ފެބުރުއަރީ މަހުގެ 13 އިން ފެށިގެން އޭޕްރީލް 24 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން 13:30 އަށެވެ.