ކޮވިޑު 19ގެ ބަލިމަޑުކަމަށް ފަހު އެއް ދުވަސް ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިއްޔެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ބުނީ 8،028 ފަތުރުވެރިން އިއްޔެ އެކަނި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކޮވިޑުގެ ފަހުން ރިކޯޑެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިއްޔެއާ ހަމައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގަ އެވެ. ދުވާލެއްގެ މައްޗަށް އަންނަ އެވަރެޖު ފަތުރުވެރިންގެ އަދަދަކީ 6000 އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި މިންވަރަށް މިހާރު ވަނީ އިއާދަވެފައެވެ. އެގޮތުން ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އެރިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ މެދު ކުރާ އުއްމީދު ބޮޑު ކަމަށް ބުނެފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިއަހަރަށް ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

އެންމެ ފަހުން ޓުއަރިޒަމް މިނިސްޓްރީއިން މިދިޔަ ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް 220,574 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 31.1 ޕަސެންޓު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 168,239 ފަތުރުވެރިންނެވެ.