ރާއްޖޭގެ ދައުވަތަކަށް، ރާއްޖެއާއެކު ހަތަރު ގައުމަކުން ކުޅޭ "ފޯ ނޭޝަންސް ކަޕް" ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މިއަދު ވޮލީ ބޯލް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މުބާރާތް ލޯންޗުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފްއެވެ.

މި މުބާރާތުގައި ރާއްޖޭގެ ދައުވަތަކަށް ވާދަކުރަނީ، އަފްގާނިސްތާނާއި ސިންގަޕޫރާއި މެލޭޝިއާއެވެ.

މިއަދުގެ ބައްދަލުވުމުގައި މަހުލޫފު ވިދާޅުވީ ވޮލީއަކީ މި ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކުޅިވަރެއް ކަމަށެވެ. އެހެން ކަމުން، ވަކި ބަޔަކަށް ބަރޯސާ ނުވެ، ހަތަރު ގައުމު ބައިވެރިވާ މުބާރާތެއް ބޭއްވުމަށް ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފޯ ނޭޝަންސް ކަޕް" ރަސްމީކޮށް ލޯންޗުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މާހިލް.

އެގޮތުން މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމަށް، މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާއިރު، ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސައުދީ އަރަބިއްޔާގެ އަންހެން ޓީމަށް ވެސް ދައުވަތު ދިނިން. ނަމަވެސް އެބޭފުޅުންނަށް މި މުބާރާތުގައި ބައިވެރިވެވެން ނެތީ. ނަމަވެސް ފަހުން އައިސް އެބޭފުޅުންނާ އެކީގައި ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެ ބޭފުޅުންގެ އެބަ ހުރި،" މަހުލޫފް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ އަފްގާނިސްތާނަކީ ރާއްޖެ ނިސްބަތްވާ ސެންޓްރަލް އޭޝިއާގެ ގައުމަކަށް ވުމުން، އޮގަސްޓް މަހުގައި އޮންނަ ސެންޓްރަލް އޭޝިއަން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ރާއްޖެއަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

"ފޯ ނޭޝަންސް ކަޕް" އަކީ ރާއްޖެއިން ދައުވަތު ދީގެން، ބައިނަލްއަގުވާމީ ޓީމުތައް ބައިވެރިވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތަށް ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމުތައް ދަނީ ތައްޔާރުވަމުންނެވެ.