16 Apr 2012, 11:07
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްވެވި، ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އެމްޑީޕީ އަށް ލިބުނު ފުރުސަތު ބޭނުން ނުކުރި ކަމަށް ނިންމައި އާންމު ކޮމިޓީން އެ މައްސަލަ ދިރާސާ ކުރަންދެން، މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާއަށް އަމަލު ނުކުރަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ޝާހިދު ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި، އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބެއް މަޖިލީހުގައި އިއްވަން ވާނެކަމަށް ގަވާއިދުގައި ބުނެފައި ވާތީ އެކަން އެމްޑީޕީ އަށް އަންގާފައިވާނެ ކަމަށެވެ.
އަދި އެކަމާ ގުޅިގެން، މިއަހަރުގެ ރިޔާސީ ބަޔާނަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ޖަވާބު ދޭން ޖެހޭނެ ރިޔާސީ ބަޔާނެއް ކަމަށް ނުދެކޭ ކަމަށް އެމްޑީޕީން މަޖިލީހުގެ ރައީސަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަހަރުގެ ރިޔާސީ ބަޔާނަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ޖަވާބު ދޭންޖެހޭނެ ރިޔާސީ ބަޔާނެއްކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށް ވަނީ އަންގަވައިފައި. ގަވާއިދުގެ 25 ވަނަ މައްދާގެ ދަށުން ލިބިދޭ ފުރުސަތު އެ ފުރުސަތު ލިބޭ ފަރާތުން ބޭނުން ނުހިއްޕެވި ކަމަށް އަޅުގަނޑު ބަލައިގަންނަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ގަވާއިދުގެ 25 ވަނަ މާއްދާ އަށް އަމަލު ނުކުރުމަށް ނިންމެވީ، މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްވާ ޕާޓީގެ އެއްވެސް މެންބަރަކު ނެތުމާއި، ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރު ކުރުމުގައި، ރައީސުލް ޖުމްހޫރިއްޔާ އަށް ނިސްބަތްވާ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކެއްގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް ގަވާއިދުގައި ބުނެފައިވާތީ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާ މިހާރު އޮތް ގޮތަށް ބަލާއިރު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ އެއްވެސް މެންބަރަކު ނެތުމާއި، މަޖިލީހުގެ 25 ވަނަ މާއްދާގެ (ނ) ގައި ވަނީ ޖަވާބު ތައްޔާރު ކުރުމުގައި ރައީސް ނިސްބަޔްވާ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއްގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް ކަމުގައިވާތީ އާއްމު ކޮމިޓީން އެކަން ދިރާސާކޮށް އަޅުގަނޑާ ހަމައަށް ގެންނަންދެން މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާއަށް އަމަލު ނުކުރުމަށް އަޅުގަނޑު ނިންމަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ އެ ނިންމެވުމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ، ރާއްޖޭގައި ގާނޫނީ ވެރިއަކު ހުންނެވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބުދޭން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަން އަޅުގަނޑު ނުކުރީ ގާނޫނީ ގޮތުން އަޅުގަނޑު ކުރަން ނުޖެހޭކަމެއް އަޅުގަނޑުލައްވާ ކުރަން އުޅުއްވާތީ. އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގައި ގާނޫނީ ވެރިއަކު ހުރިކަމަކަށް. ހުރިއްޔާ ހުންނާނީ އެމްޑީޕީއަށް ނިސްބަޔްވާ ވެރިއެއް. އެހެންވީމާ އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން އެއަށް ޖަވާބުދޭން ނުޖެހޭތީ އަޅުގަނޑު ފޮނުވީ،" އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.