މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު މި މަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް މީގެ ކުރިން ކުރި އިއުލާނުގައި ކަނޑައަޅާފައި މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ޖެނުއަރީ 29 ގައި ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އަލަށް ތައްޔާރު ކުރި ސޮފްޓްވެއާއެއް ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ފެބުރުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެތީ ލައިސަންސްގެ ހުރިހާ ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކޮށްފަ އެވެ. މި ބަދަލާއެކު ލައިސަންސް ކާޑު ޕްރިންޓު ކުރުން ހުއްޓި، ލައިސަންސަށް އެދުމާއި ލައިސަންސް އާކުރުމުގެ ކަންކަން ވަނީ އޮންލައިން ކުރެވިފައެވެ.