12 Feb 2023, 18:12
ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާ ނުލާ ޓޫރިސްޓް ރިސޯޓުތައް ހިންގާ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރެވޭ ގޮތަށް ޓޫރިސްޓު ރިސޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާ ބެެހޭ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
މިއަދު އަމަލުކުރަން ފެށި އާ ގަވައިދުގައި، މީގެ ކުރީގެ ގަވާއިދުގައި އޮތް ދެ މާއްދާއެއް ވަނީ އުނިކޮށްފައެވެ.
އޭގެން އެއް މާއްދާއަކީ، ރިސޯޓެއް ތަރައްގީކުރަން ބިމެއް ނުވަތަ ރަށެއް ކުއްޔަށް ހިފައިފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ އެ ކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށް ބުނާ މާއްދާއެވެ. އަނެއް މާއްދާއަކީ ހިއްސާ ބަދަލުކުރުމަށްފަހު އެ ބަދަލު ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީކޮށް، ހިއްސާ ބަދަލުވިކަން ރަޖިސްޓްރީކުރި ކަމުގެ ކޮޕީއެއް، އެ ހިއްސާއެއް ބަދަލުކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ ހުށަހަޅަން ޖެހޭ ކަމަށް ބުނާ މާއްދާއެވެ.
ޓޫރިޒަމް މިނިސްޓްރީން ގަވައިދު ބަދަލުކޮށްފައި މިވަނީ ރަށްތަކެއްގެ ބީލަން ހުޅުވާލާފައިވަނިކޮށެވެ. އެގޮތުން މިދިޔަ މިދިޔަ މަހުގެ 23ގައި އެ މިނިސްޓްރީން ވަނީ ރަށްތަކާއި ފަޅެއް ހިމެނޭހެން 14 ތަނެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހަޅަން އިއުލާންކޮށްފައެވެ.