12 Feb 2023, 21:14
މާލޭގެ ހަތަރު މިސްކިތެއްގައި ގުރުއާން ހިތުދަސް ކުރުމުގެ ކްލާސްތަކެއް ހިންގުމަށް މާލެ ސިޓީ ކައުންސިލާއި އުޔޫން އިންސްޓިޓިއުޓްއާ ދެމެދު ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުޔޫން އިންސްޓިޓިއުޓްގެ އިސްނެގުމާއެކު މާލެ ސިޓީގެ ހަތަރު މިސްކިތެއްގައި ހިންގުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްއަކީ ހިލޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މާލޭގެ ދެ މިސްކިތާއި، ވިލިމާލޭގެ އެއް މިސްކިތް އަދި ހުޅުމާލޭގެ އެއް މިސްކިތުގައި ކްލާސްތައް ކުރިޔަށް ދާނެ ކަމަށެވެ.
މި ކްލާސްތަކުގައި ބޮޑަށް އިސްކަން ދޭނީ ކުޑަކުދިންނަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މިފަދަ ކްލާސްތައް ހިންގުމަކީ ކައުންސިލުން ވަރަށް ތަރުހީބުދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މީހުންގެ މެދުގައި ގުރުއާނާ މެދު ލޯބި ޖެއްސުމަށް ކުރެވޭ މަސައްކަތްތުގެ ދަށުން ކައުންސިލުން އިސްނަގައިގެން ވެސް މަސައްކަތްތަކެއް ކޮށްފައިވާނެ މޭޔަރު ވިދާޅުވި އެވެ. އެގޮތުން އެ ކައުންސިލުން އިސްނަގައިގެން ބޭއްވި ގުރުއާން މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން މޭޔަރު ފާހަގަކުރެއްވިއެވެ.