އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށްގެން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާއި ފުލުހުން ގުޅިގެން ޚާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކޮށްފިއެވެ.

ބްރޯޑްކޮމް އާއި ފުލުހުން ގުޅިގެން މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގަން މަޝްވަރާކުރީ، މިފަހުން ބޭއްވި އެއްވުންތަކެއް ރޫޅާލުމުގެ ތެރެއިން ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވުމާ ގުޅިގެން އެ ދެ އިދާރާއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުވުމާ ގުޅޭ މައުލޫމާތު ދެމުން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ މިއަދު 'ސަން' އަށް ވިދާޅުވީ ކަން ހިނގައި ދިޔަ ގޮތް ބަލައި، އެފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމާ ބެހޭގޮތުން ފުލުހުންގެ އިދާރާއާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން މީގެ ކުރިން ވެސް މުޒާހަރާތަކާއި އެއްވުންތަކުން ނޫސްވެރިންނަށް އަނިޔާ ލިބިއްޖެ ނަމަ އެގޮތަށް ފުލުހުންނާ ބައްދަލުކޮށް، މަޝްވަރާކޮށް، މުސްތަގުބަލުގައި އެފަދަ ހާދިސާތައް ހިނގުން މަދު ކުރެވިދާނެ ގޮތްގޮތާއި ގުޅޭ މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާއި ފުލުހުން ބޭއްވި މަޝްވަރާ ބައްދަލުވުން--- ފޮޓޯ/ ބްރޯޑްކޮމް

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މި މަހުގެ ހަވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެފައިވެއެވެ. އެ ހާދިސާގައި އެއް ނޫސްވެރިއަކު ވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ފަހު އަނބުރާ ރާއްޖެ އައިސްފައެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނީ، މުޒާހަރާގައި ދެ ނޫސްވެރިއަކަށް އަނިޔާވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއް ކަމަށާއި ގަސްތުގައި ނޫސްވެރިންނަށް އަނިޔާދިނުމުގެ ނިޔަތުގައި ކަމެއް ކޮށްފައިވާކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް، މުޒާހަރާ ރޫޅާލާނެކަމުގެ އިންޒާރުދީ، ޝީލްޑްތަކާއެކު ކުރިއަށް ޖެހެމުން ދިޔަ ވަގުތު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕާފައި ވާކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ކަން ހިނގި ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަޑްސް ކޮމާންޑުން ތައްޔާރު ކުރާނެ ކަމަށެވެ.