މިރާއީގެ ފުރަތަމަ އެޕިސޯޑް ފެށެނީ އެމްބިއުލާންސްގެ ސައިރެންގެ އަޑުންނެވެ. ރުއިމާ ހިތާމައިގެ ތެރެއިންނެވެ. ދައްކުވައިދެނީ އުފާވެރި ކުޑަކުޑަ އާއިލާއެކެވެ. ލޯތްބާއި އުފާ ނޫން އެއްޗެއް ނުވެސް އެނގޭ އެ އާއިލާގެ އުފާތައް ވިއްސިވިހާލި ވަނީ ކުޑަކުޑަ ދަރިފުޅު އިޒީގެ ކުއްލި ވަކިވުމުންނެވެ. އާއިލާގެ ހާލަތު ހިނދުކޮޅެއްގެ ތެރޭގައި އުފާވެރިކަމުން ހިތާމައަށް ބަދަލުވެއެވެ.

މި ސީރީޒްގައި އުޅެނީ އުފާވެރި ކުޑަކުޑަ އާއިލާއެކެވެ. މަންމަ (މީރާ) އާއި ބައްޕަ (ސަމީން) އޮފީހަށްދާ ވަގުތު އެމީހުންގެ ދަރިފުޅު ބެލުމުގެ ޒިންމާއާ ހަވާލުވަނީ އެ ކުއްޖާގެ ދައްތަ (ޝާޔާ)އެވެ. ކުޑަކުޑަ އިޒީއަށް ސްޓްރޯކެއް ޖެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދުނިޔެއާ ވަކިވަނީ މަންމައާއި ބައްޕަ އޮފީހުގައި އުޅެނިކޮށެވެ.

އިޒީގެ މަރުގެ ސަބަބަކީ ސްޓްރޯކެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެ މަރުގެ ފަހަތުގައި އެތައް ސިއްރެއް ފޮރުވިފައި ވާކަމަށް ބެލެވެއެވެ. އެތައް ބަޔަކަށް ތުހުމަތު ކުރެވެއެވެ.

ސީރީޒްގެ ފުރަތަމަ އެޕިސޯޑަށް ފަހު މީރާއާއި ސަމީންގެ ގުޅުން ހީނަރުވެއެވެ. ދަރިފުޅުގެ މަރުގެ ހަގީގަތް ހޯދަން ދެމީހުން ވެސް މަސައްކަތް ކުރާއިރު ސަމީން ޝައުގުވެރިކަމާއެކު ފާރަލާ އެހެން ކަމެއް ވެސް އޮވެއެވެ. މީރާ ހަދާ އެތައް ދޮގެއް ސަމީންއަށް ފަޅާއަރާއިރު މީރާގެ ހަގީގަތާ މެދު ހިތުގައި ސުވާލު އުފެދެއެވެ.

ފުރަތަމަ އެޕިސޯޑަށްފަހު ފަހަރަކު ކަމެއް ބޮއްސުންލައެވެ. އެގޮތުން ޝާޔާއާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ހިނގަނީ ޝާޔާއަށް ގަބޫލުކުރަން ބޭނުންވިޔަސް ގަބޫލު ނުކުރެވުނު ހާދިސާއެކެވެ. ކިތަންމެ ބޮޑު ކަމެއް ނަމަވެސް އޭނާގެ ލޯބިވެރިޔާ ޓޯނީއާއެކު އެ ގުޅުން ކުރިއަށް ގެންދަން ޝާޔާ ނިންމައެވެ.

މި މުޖުތަމައުގައި ހިނގާ ހުރިހާ ކަމެއް ހަގީގީ ގޮތަކަށް މި ސީރީޒްގައި ދައްކުވައިދެއެވެ. އެގޮތުން މަސްތުވާތަކެއްޗާއި، ޕާޓީ ކުރުމާއި ރޭޕްކުރުން ދައްކުވައިދެއެވެ.

ސީރީޒްގެ ފަސް އެޕިސޯޑު ބެލިއިރު ކުރިއަށް ވާން އޮތްގޮތް ވިސްނާލަން ވެސް ނޭނގެއެވެ. ކޮންމެ އެޕިސޯޑަކުން ވެސް އާކަމެއް ފަޅާއަރާ، އާ ސުވާލުތަކެއް ހިތުގައި އުފަންކުރުވައެވެ.

އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓް ކުރާ ކްރައިމް ތުރިލާ "މިރާއީ"ގެ ލީޑް ރޯލުން ފެންނާނީ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި މުހައްމަދު އިޝްފާން އަދި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ.

ސްޓްރީމިން ސާވިސް ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ މިރާއީ އަކީ ކޮންމެ ހޮނިހިރު ދުވަހަކު ދެއްކުމަށް ހަމަޖެހިފައިވާ ޝޯއެކެވެ. މި ޝޯގެ 13 އެޕިސޯޑުގައި ރާއްޖޭގެ އެކި ކަހަލަ ކުށްތަކަށް އަލި އަޅުވާލައި އެކަތި އަނެކަތި ގުޅި ލާމެހިފައިވާ މިންވަރު ދައްކުވައިދޭނެއެވެ.