16 Apr 2012, 10:55
އަދިވެސް ބިން ހަމަޖައްސާދީފައި ނުވާތީ މި އަހަރުގެ ނައިޓްމާކެޓް ބޭއްވޭނެ ކަމުގެ ޔަގީންކަން ކުޑަވެއްޖެ ކަމަށް ވިޔަފާރި ވެރިންގެ ގައުމީ ޖަމިއްޔާއިން އިން ބުނެފި އެވެ.
ވިޔަފާރި ވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ މިއަހަރު ނައިޓްމާކެޓް ބާއްވާނެ ބިމެއް މާލޭ ސިޓީ ކައުންސިލުން މިހާތަނަށް ވެސް ދީފައި ނުވާ ކަމަށާއި އެހެންކަމުން ނައިޓް މާކެޓް ބޭއްވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ. ނައިޓް މާކެޓް ބާއްވަން ވާންޖެހޭ ތައްޔާރީތައް ވެވޭނީ އެ ބާޒާރު ބާއްވާނެ ބިމެއްގެ ޔަގީންކަން ލިބިގެން ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
"ބިން ނުލިބެނީހެއް އަޅުގަނޑުމެނަކަށް ވިޔަފާރި ވެރިން އަތަކުން ފައިސާއެއް ވެސް ނުނެގޭނެ. އަދި ވާންޖެހޭ އެހެން ތައްޔާރީތަކެއް ވެސް ނުވެވޭނެ،" އާސިފު ވިދާޅުވި އެވެ.
ޖުލައި މަހުގެ ތެރޭގައި ނައިޓް މާކެޓް ބާއްވަން ނިންމައި، މިދިޔަ އަހަރު ވެސް ނައިޓް މާކެޓް ބޭއްވި ސުނާމީ ބިނާ ސަރަހައްދު ހޯދަން ސިޓީ ކައުންސިލުގައި އެދުމުން އެއްވެސް ޖަވާބެއްދީފައި ނުވާ ކަމަށް ވެސް އާސިފު ވިދާޅުވި އެވެ.
ވިޔަފާރި ވެރިންގެ ޖަމިއްޔާއިން ސުނާމީ ބިނާ ހިމެނޭ ލޮނުޒިޔާރަތްކޮޅު، ހޯދަން އެދިފައިވާއިރު ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ވަނީ ޖޫން މަހުގެ ނިޔަލަށް އެމްޑީޕީއަށް ދޫކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ކޭމްޕެއް ގާއިމުކޮށްފައި ވަނިކޮށް ފުލުހުން އެތަން ރޫޅައިލި މައްސަލަ އޮތީ ކޯޓްގަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު ވިދާޅުވީ ނައިޓް މާކެޓް ބާއްވަން ވިޔަފާރިވެރިންގެ ޖަމްއިއްޔާއަށް ބިމެއް ދޫކުރުމުގެ ކަންތަކާ ބެހޭ ގޮތުން އެއްޗެއް ދަންނަވަން އެނގޭނީ ކައުންސިލްގެ އެހެން މެންބަރުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
މިއަހަރުގެ ނައިޓް މާކެޓް ބޭއްވިދާނެ ކަމުގެ ޔަގީންކަން ކުޑަވެފައިވާއިރު އެހެން އަހަރު އަހަރާ ހިލާފަށް މިދިޔަ އަހަރު ކެންޓީނު ތަކާއި ސައި ހޮޓާ އަދި ކެފޭތަކުގެ ހިދުމަތް ދޭން ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.
ދިވެހިންގެ އިތުރުން ބިދޭސީންގެ ވެސް ބޮޑު ތަރުހީބެއްދޭ، އަދި "އުގުޅޭ ބާޒާރު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ބޮޑު ބާޒާރުގައި މިދިޔަ އަހަރު 450 މޭޒު ބެހެއްޓި އެވެ. މިދިއަ އަހަރު ވެސް ބާޒާރު ބޭއްވުނީ ބާޒާރު ބާއްވާނެ ތަނެއްގެ މައްސަލައިގައި ސިޓީ ކައުންސިލާ ވިޔަފާރިންގެ ޖަމިއްޔާއާ ދެމެދު ހިޔާލުތަފާތުވުންތަކެއް ކުރިމަތިވުމަށްފަހު އެވެ.