އަންކަރާ (12 ފެބްރުއަރީ 2023): މިދިޔަ ހަފުތާގެ ހޯމަދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް 29،000 މީހުން މަރުވެ 93،000 މީހުން ޒަޚަމްވެ ފަސް މިލިޔަން މީހުން ހާލުގައި ޖެހިފައިވާއިރު ބިންހެލުން އައި ސަރަހައްދުތަކުގައި ވައްކަން ކުރުމާއި ލޫޓުވުމާއި މީހުންނަށް ބިރު ދައްކައިގެން ކާބޯތަކެއްޗާއި މުދައު ފޭރުމުގެ އަމަލުތައް ގިނަވާން ފަށަފައިފިއެވެ.

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާ މީހުން ސަލާމަތްކުރުމަށް ތުރުކީގައި ހަރަކާތްތެރިވާ ބޭރުގެ ފަންނީ ޓީމުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން އެތައް ބަޔަކު ހައިހޫނުކަން ތަހައްމަލުކުރަން ޖެހިފައިވާތީ ވައްކަންކުރުމާއި ފޭރުމާއި ލޫޓުވުމުގެ އަމަލުތައް ދަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ތުރުކީގެ ސަލާމަތީ ބާރުތަކުގެ ހިމާޔަތް ހޯދައިގެން ނޫނީ ރައްކާތެރިކަން ނުލިބޭ ހިސާބަށް ވެސް ގިނަ ސަރަހައްދުތަކުގައި ވަނީ ކަންތައްތައް ގޮސްފައެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާންވަނީ ބިންހެލުމުގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންގެ އަދަދު އެތައް މިލިޔަނަކަށް އަރާތީ އެމީހުންނަށް ކާބޯތަކެއްޗާއި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ބިންހެލުމުގެ ކާރިސާއިން އަރައިގަތުމަށް ތުރުކީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމާއި ކަންކަން ހަމައަކަށް އެޅުމަށް ވަގުތުނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ އަދަދު އެތައް ހާހަކުން ގުނާލެވޭއިރު އެހުރިހާ އިމާރާތްތަކެއްގެ ދަށުން މީހުން ނެގުންވަނީ މުސްތަހީލު ކަމަކަށްވެފައެވެ. އިމާރާތްތަކުގެ ދަށުގައި އެތައް ހާސްބަޔަކު އަދިވެސް ތިބިކަން ޔަގީނެވެ. ނަމަވެސް އެއެންމެން ނެގޭނެގޮތެއް ނެތެވެ. އެހެންކަމުން އެމީހުން ލަސްތަކެއްނުވެ މަަރުވާނެކަން ނޫނީ މިހާރުވެސް ބައެއްމީހުން މަރުވެފައިވެދާނެކަމަށް ވަނީ ބެލެވެން ފަށާފައެވެ. އެއީ މީހުންގެ ހަށިތައް ކުނިވުމުން ދުވާވަސް ބިންހެލުންއައި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެތުރެމުންދާތީއެވެ.

އެހެންނަމަވެސް އިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދި ހުއްޓައެއް ނުލައެވެ. މީހުން ސަލާމަތް ކުރަން މަސައްކަތްކުރާ ފަންނީ ޓީމުތައް ބުނާގޮތުން ވައްކަމާއި ފޭރުމުގެ އަމަލުތައް ގިނަވަމުންދާތީ އެމީހުންގެ މަސައްކަތަށް ވެސް ވަނީ ހުރަސްއެޅިފައެވެ. ރައްކާތެރިކަން ނެތުމުގެ ސަބަބުން މަސައްކަތް ހުއްޓާލަންޖެހުނު ނަމަވެސް ތުރުކީގެ ސަލާމަތީ ބާރުތަކުގެ ހިމާޔަތް ލިބެންފެށުމުން އަލުން މަސައްކަތްކުރިއަށް ގެންދާކަން ބައެއް ޓީމުތަކުން ވަނީ ހާމަކޮށްފައެވެ.

ތުރުކީގެ ފުލުހުން ބުނާގޮތުގައި ވައްކަމާއި ފޭރުމުގެ ކުށުގައި އެތައް ސަތޭކަ ބަޔަކުވަނީ ހައްޔަރުކޮށްފައެވެ. ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ބަޔެއްގެ އެއްވެސް ގެދޮރެއް ހިޔާވަހިކަމެއް އަދި ނެތެވެ. ނަމަވެސް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. ވަގުތީ ހިޔާތައް ލިބެންދެން އެމީހުން ތިބެންޖެހިފައިވަނީ މަގުމަތީގައެވެ. އޭގެތެރެއިން ބައެއް މީހުންނަށް ކާބޯތަކެތިވެސް ނުލިބޭތީ އެމީހުންވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. ނަތީޖާއަކީ ވައްކަމާއި ފޭރުމުގެ އަމަލުތައް ހިންގުމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ތުރުކީގައި މިހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.