16 Feb 2023, 13:19
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރަތް ކުރި ސިޓީ ހޮޓަލަކީ މިހާރު އެސްޓީއޯގެ ތަނެއް ނޫން ކަމަށާއި، އެ ތަނަކީ އެޗްޑީސީގެ ތަނެއް ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެ ބިމަކީ އެސްޓީއޯއިން 2007 ވަނަ އަހަރު ކުއްޔަށް ނެގި ބިމެއް ކަމަށެވެ. އަދި އެ ބިމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެޗްޑީސީއާ އެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެޗްޑީސީ އާ އެކު އެއްބަސްވުމަކަށް އައީ، އެބޭފުޅުން އަޅުގަނޑުމެންނަށް އެތަން ބަޔެއް ހޯދައިގެން ވިއްކާލަން. އަޅުގަނޑުމެންނަށް އަޅުގަނޑުމެން އިންވެސްޓް ކުރި ފައިސާ އަނބުރާ ދޭން. އެބޭފުޅުން އެބައި އެބަ ކުރިއަށް ގެންދަވާ،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ސިޓީ ހޮޓާ --- ފޮޓޯ/ ޓްވިޓާ
އަމްރު ވިދާޅުވީ އެ ބިލްޑިންގުގެ ބަދަލު އެޗްޑީސީ އިން އެސްޓީއޯއަށް ދެމުންދާ ކަމަށެވެ.
"އެހެންވީމާ އަނެއްހެން ބުނަންޏާ އަޅުގަނޑުމެންގެ ހޮޓަލެއް ނޫން އެއީކީ، އެޗްޑީސީގެ ހޮޓަލެއް އެއީ،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ވަރަށް ފަހަކާ ޖެހެންދެން އެސްޓީއޯ ޕެއިންޓްސްގެ ބައެއް ތަކެތި އެތަނުގައި ބަހައްޓަމުން ދިޔައީ، އެތަން އެއްކޮށް އެޗްޑީސީ އާ ހަވާލު ނުކުރެވޭތީ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެތަނުން އެސްޓީއޯގެ މުދާ ހުސްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސިޓީ ހޮޓަލަކީ 2007 ވަނަ އަހަރު އެސްޓީއޯއިން ތަރައްގީ ކުރަން ފެށި ސިޓީ ހޮޓަލެކެވެ. އެތަން ރަނގަޅު ފެންވަރެއްގައި "ރެޑިސަން ބުލޫ"ގެ ނަމުގައި ހެދުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ. އެއީ 250 ކޮޓަރި ހިމެނޭ ބޮޑު ހޮޓަލެއް ގާއިމް ކުރުމުގެ މަސައްކަތެވެ.
އެ މަސައްކަތް ނުނިމި ގިނަ ދުވަސްވެ، އެސްޓީއޯއިން އެތަން ވިއްކާލުމުގެ މަސައްކަތް 2018 ވަނަ އަހަރު ފެށިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުމުގެ ސަބަބުން، ސިޓީ ހޮޓާ ބޭނުން ނުކޮށް ގިނަ ދުވަސް ވާ ނަމަ، އެތަން އެހެން ބޭނުންތަކަށް ނަގާނެ ކަމަށް އެޗްޑީސީން ވަނީ މިދިޔަ އަހަރު ބުނެފައެވެ.