12 Feb 2023, 12:43
މިދިޔަ މަހުގެ ނުވަވަނަ ދުވަހު ނީލަން ފިހާރައިގައި އަލިފާން ރޯވެ، ހިނގި ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ދާއިމީ ބޯހިޔާވަހިކަން އަދިވެސް ހަމަނުޖެހޭކަމަށް އެ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ. އަދި ސިޓީ ކައުންސިލްގެ 202 މުވައްޒަފުންނަށް ސަރުކާރުން ވަނީ ފަރުކޮޅުފުށިން ވަގުތީ ބޯހިޔާވަހިކަން ހޯދައިދީފައެވެ.
އެ މުވައްޒަފުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދޭން މަހެއްހާ ދުވަސް ނަގާނެކަމަށް އޭރު މޭޔަރު ވަނީ ވިދާޅުވެފައެވެ.
މިކަމާގުޅިގެން މިއަދު މޭޔަރު ވިދާޅުވީ، އެއް މަސްދުވަސް ވީއިރު އެ މުވައްޒަފުންގެ ދާއިމީ ބޯހިޔާވަހިކަމަށް އަދި އެއްވެސް ތަނެއް ހަމަނުޖެހޭ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ބަޖެޓެއް ވެސް ނުދޭކަމަށް މޭޔަރު ވިދާޅުވިއެވެ.
"އެ މުވައްޒަފުންނަށް ދާއިމީ ބޯހިޔާވހިކަން ހޯދައިދިނުމަށް މިހާރުވެސް ސިޓީ ކައުންސިލުން މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެން ބޭނުންވަނީ ވިހާވެސް އަވަހަކަށް އެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭން،" މޭޔަރު ވިދާޅުވި އެވެ.
އެ މުވައްޒަފުން ފަރުކޮޅުފުށިން މާލެއަށް ދަތުރުކުރަނީ އެމްޓީސީސީ ބަހުގައެވެ. އެކަމަށް ޚާއްސަ ދެ ޑަބަލް ޑެކާ ބަސް އެބަ އޮތްކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.