އިސްލާމިކް މިނިސްޓްރީން މިހާރު އެކުލަވާލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކަށް އެކަމާ ގުޅޭ ޝަކުވާ ހުށަހަޅަން އެ މިނިސްޓްރީން މިއަދު ހުޅުވައިލައިފިއެވެ.

އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މާލޭ ސިޓީ ކައުންސިލުން ހުޅުވާލީ މިދިޔަ ޑިސެމްބަރުން މިދިޔަ މަހުގެ 19 އަށެވެ. އެ މުއްދަތުގައި އެ ކަމަށް އެދި ފޯމު ހުށަހެޅި ހުރިހާ އެންމެނަށް މިހާރުވަނީ ޖަވާބު ފޮނުވައިފިއެވެ.

ނަން ނެތް މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައި އޮތީ މި މިދިޔަ ބުރަސްފަތި ދުވަހުގެ މެންދުުރުފަހު 14:00ގެ ނިޔަލަށެވެ.

މި ކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޒަމްއަތު އަހްމަދު ވަހީދު "ސަން"އަށް ވިދާޅުވީ އަދި މިހާރު އޮތް ދަފްތަރު އާންމު ނުކުރާނެކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ރޯދަ މަހުގެ ތެރޭ މި ދަފްތަރުގެ މަސައްކަތް އެއްކޮށް ނިންމައިލުމަށް. ދެން އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރަމުން ގެންދާނަން މަސައްކަތް ކުރިއަށްދާ މިންވަރުން. މިހާރު ޝަކުވާ ހުށަހެޅޭނެ،" އޭނާ ވިދާޅުވިއެވެ.

ދެހާސް އެކާވީސްވަނަ އަހަރު މާލޭގައި 1،520 މީހަކުވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

މި ފަހުން އެ މިނިސްޓްރީންވަނީ ޒަކާތާ ގުޅުންހުރި ބައެއް ކަންކަމަށް ބަދަލު ގެނެސްފައެވެ.

އެގޮތުން މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ދިވެހި ރުފިޔާއިން ދައްކަން ޖެހޭ މިންވަރަކީ 7062.65 ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. މިއީ 1285.2 ރުފިޔާގެ އިތުރު ވުމެކެވެ.