ރ. އަލިފުށީގައި ދޯންޏެއްގެ ބުރަފަތީގައި ޖެހި ދެ މީހަކަށް މިއަދު ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެ އެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީފް އަބުދުއްރަހުމާން މިއަދު ވިދާޅުވީ އެ ހާދިސާގައި ޒަޚަމްވި ދެމީހުންނަށް ފަރުވާ ދިނުމަށް އެ އަތޮޅު އުނގޫފާރަށް ފޮނުވާލާފައިވާ ކަމަށާއި އެކަކުގެ ބޮލަށް އަދި އަނެކަކުގެ އަތަށާއި ގައިގެ އެކި ތަންތަނަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާ ވެފައި ވަނީ އެ ރަށު، ރޯޝަނީގޭ ހުސައިން ޚާލިދާއި، ނަރުގިސްވިލާ މުހައްމަދު ނިޔާޒެވެ.

އުނގޫފާރު ހޮސްޕިޓަލުން ބުނީ އަނިޔާވެފައި ވަނީ އެކަކުގެ ކަނާތަށާއި އަނެކަކުގެ ބޮލަށް ކަމަށެވެ. އަދި ދެ މީހުންނަށް ޓްރީޓްމަންޓް ރޫމްގައި ފަރުވާ ދެމުން އަންނަ އިރު އެދެމީހުން ވެސް "ސްޓޭބަލް" ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ދެ މީހުން ވެސް ބަރާބަރަށް ވާހަކަ ދައްކާ ހަދާ. އެހެންވީމަ މި ބަލަނީ ރަނގަޅު ކަމަށް،" އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ މިއަދު ހެނދުނު އެންދަމަށް އަލިފުށީ ކައިރީ އޮތް ފަރަކަށް އެމީހުން ގޮސް އުޅެނިކޮށް އެ ހާދިސާ ހިނގީ ދޯނީގެ ބުރަފަތީގައި އޮޅިފައި އޮތް ދާކޮޅެއް ނައްޓުވަން ވެގެން އެ ދެ މީހުން ފޭބިވަގުތު ދޯނި ފަރާ ކައިރި ކުރަން އުޅެނިކޮށް ކަމަށެވެ. އަދި އޭގެ ކުރިން އެމީހުން ދާނައްޓުވަން ވަޅިއެއް ދިނުމުގެ ކުރިން ދޯނި ފަރާ ގާތަށް ޖައްސާ ވާހަކަ ކެޕްޓަން ކުއްޖެއްގާތު އެމީހުން ގާތު ބުނާށޭ ބުނި ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

"އެމީހުންނަށް އެ މެސެޖު ނުލިބޭނީސް ދޯނި ފަރާ ކައިރި ކުރީ،" ކައުންސިލަރު ވިދާޅުވި އެވެ.