މިދިޔަ މަހުގެ ދެވަނަ ދުވަހު ވ. އަތޮޅުގެ ވެމްޕަރު ފަޅު, ބޭރު ކަނޑުން ފެނުނު ހަށިގަނޑު މިހާރު ވަނީ ވަޅުލާފައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާގެ ހަށިގަނޑު ވަޅުލީ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު ކަމަށެވެ.

"ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަށިގަނޑު ވަޅުލީ ކޮން ދުވަހަކު ކަން ބުނެވެން ނެތްކަމަށެވެ. އަދި އެއީ ކާކުގެ ހަށިގަނޑެއްކަން ދެނެގަނެވިފައި ވޭތޯވެސް މިވަގުތު ހާމަކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަށިގަނޑު ކަނޑުން ފެނުނުއިރު ވަނީ ކާކުކަން ދެނެ ނުގަނެވޭވަރަށް ހަށިގަނޑު ކުނިވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮބޯއްޓެއްގައި ތިބި ދެމީހުން ގެއްލިގެން ފުލުހުން ވަނީ އެމީހުން ހޯދަން އިއުލާނުކޮށްފައެވެ. އެއީ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް،45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން،35، އެވެ.

ޖަނަވަރީ ދެވަނަ ދުވަހު ނިޒާމް މާލެތެރެއިން ފެނުނު އިރު، ވ. އަތޮޅުން މަރުވެފައިވާ ހަށިގަނޑު ވެސް ފެނުނީ ހަމަ އެދުވަހުއެވެ. އަދި ޖަނަވަރީ ތިންވަނަ ދުވަހު ނިޒާމް ވަނީ މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.

އެހެންކަމުން ވ. އަތޮޅުން ފެނުނު ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑުކަމަށް ގިނަ ބަޔަކު ޝައްކު ކުރެއެވެ. އަދި ނިޒާމް ހައްޔަރުކުރީ ލިޓަން މަރާލިކަމުގެ ތުހުމަތުގައި ކަމަށް ވެސް ޝައްކުކުރެވެއެވެ.

ނަމަވެސް، ފުލުހުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.