އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މި މަހުގެ ހަވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން އަނިޔާވި ޗެނަލް13ގެ ނޫސްވެރިޔާ، ސްރީލަންކާއިން އިތުރު ފަރުވާ ހޯދުމަށްފަހު ރާއްޖެ އަތުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު 'ސަން' އަށް ވިދާޅުވީ އެ ހާދިސާގައި ޗެނަލް 13ގެ ނޫސްވެރިޔާ ހަސަން ޝަހީދުގެ ބޮލާއި ބުރަކަށްޓަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. މުޒާހަރާގެ ތެރެއިން އޭނަ ވަނީ ހޭނެތިގެން މަގުމައްޗަށް ވެއްޓިފައެވެ.

ލިބުނު އަނިޔާތަކަށް އިތުރަށް ފަރުވާ ހޯދުމަށް އޭނާގެ އާއިލާއިން އޭނާ ލަންކާއަށް ގެންދިޔައެވެ.

ހީނާ ވިދާޅުވީ އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި ފަރުވާއަށްފަހު ޝަހީދު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި އެ މުޒާހަރާގައި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވިއެވެ.

އެ ހާދިސާއާ ގުޅިގެން، އެކި މުޒާހަރާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނީ، މުޒާހަރާގައި ދެ ނޫސްވެރިއަކަށް އަނިޔާވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ގަސްތުގައި ނޫސްވެރިންނަށް އަނިޔާދިނުމުގެ ނިޔަތުގައި ކަމެއް ކޮށްފައިވާކަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް، ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިއަށް ޖެހެމުން ދިޔަ ވަގުތު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕާފައި ވާކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އެހެންކަމުން އެ ހާދިސާގައި ކަންހިނގި ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަޑްސް ކޮމާންޑުން ތައްޔާރު ކުރާކަމަށް ފުލުހުން ބުންޏެވެ.