14 Feb 2023, 11:31
މައިކްރޮސޮފްޓްގެ އޭއައި ބޮޓް ކަމަށްވާ ޗެޓްޖީޕީޓީގެ މަގުބޫލުކަމާއެކު މުޅި ދުނިޔެއަށް ތޫފާނެއް ގެނެސްފި ކަހަލައެވެ. އެއާއެކު، އެ ކުންފުނީގެ ވެބް ސާޗް އިންޖީން ބިންގް އާއި ވެބް ބްރައުޒާ އެޖްގެ އަޕްޑޭޓް ކޮށްފައިވާ ވާޝަނެއް އޭއައި ބޮޓަކާ އެކު ތައާރަފުކޮށް، މިއީ އޮރިޖިނަލް ޗެޓްޖީޕީޓީއަށް ވުރެ ބާރުގަދަ އެއްޗެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ ރައްދުގައި ގޫގުލްއިން ވަނީ ޗެޓްޖީޕީޓީއާ ވާދަކުރުމަށް ބާޑް ލޯންޗުކޮށް، ވަރަށް އަވަހަށް ބާޑް އެ ކުންފުނީގެ ސާޗް އިންޖީން، ގޫގުލް ސާޗް އަށް ގެންނާނެކަން އިއުލާންކޮށްފައެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެންމެ ވަރުގަދަ ދެ ކުންފުނީގެ އުފެއްދުންތައް އަމިއްލައަށް ތަޖުރިބާކުރުމަށް ފަހު އެތައް މިލިއަން މީހުން ދަނީ އެ ތަޖުރިބާތައް ހިއްސާކުރަމުންނެވެ.
މިފަދަ ދަނޑިވަޅެއްގައި މައިކްރޮސޮފްޓްގެ ކޯ ފައުންޑާ ބިލް ގޭޓްސް ވަނީ ޗެޓްޖީޕީޓީއާ ބެހޭ ގޮތުން އޭނާގެ ވިސްނުމާއި އެކަމުގެ ސަބަބުން ދުނިޔެއަށް އަންނާނެ ބަދަލުތައް ހިއްސާކޮށްފައެވެ.
އޭނާ ބުނީ، ޗެޓްޖީޕީޓީ އާއި ގޫގުލް ބާޑް ފަދަ އޭއައި ބޮޓްތަކުން ކިޔެވުމާއި ލިޔުމަށް އިތުރު ފަސޭހަތަކާއި، މުހިންމު ފުރުޞަތު ތައް ލިބޭ ކަމަށާއި އޭގެ ސަބަބުން އެކި ދާއިރާތަކަށް، ޚާއްސަކޮށް ސިއްހީ ހިދުމަތާއި ތައުލީމީ ދާއިރާއަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. ގޭޓްސް ދެކޭ ގޮތުގައި މި ދާއިރާގައި ބާޑް އަދި ޗެޓްޖީޕީޓީ ފަދަ އޭއައި ބޮޓްތަކުގެ ސަބަބުން މަސައްކަތް އަވަސްވެ، ނަތީޖާ ރަނގަޅު ކުރެވޭނެއެވެ.
ސީއެންބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޭޓްސްގެ ޕޮޑްކާސްޓްގައި އެންމެ ބޮޑަށް ފާހަގަކުރީ ސްޕީޗް ރިކޮގްނިޝަން އާއި ވިޝުއަލް ރިކޮގްނިޝަންގައި އޭއައިގެ ކުޅަދާނަކަމެވެ. އެގޮތުން ދުވަސްވީ އޭއައި ޕްލެޓްފޯމްތަކުން އެ ފަދަ ޕްލެޓްފޯމްތަކަށް ފީޑްކުރާ ބަހުން މާނަ އުފައްދާ ނުވަތަ ޑެރިވް ކުރެވިދާނެކަމަށްވެސް ގޭޓްސް ބުންޏެވެ. ނަމަވެސް ޗެޓްޖީޕީޓީ އާއި ބާޑް ފަދަ އާ އޭއައި ޕްލެޓްފޯމްތަކަކީ އާ ޢިލްމުގެ ޒަރިއްޔާއިން ތަމްރީނުކުރުމާއި، ރަނގަޅުކޮށް، ކިޔެވުމާއި ލިޔުމުގެ ގާބިލުކަން ލިބިފައިވާ ޕްލެޓްފޯމްތަކެއް ކަމަށާއި، އެގޮތުން ބަލާނަމަ އާއޭއައި ތަކަކީ ކުރީގެ އޭއައިތަކަށްވުރެ މާ ބުއްދިވެރި އަދި ކުޅަދާނަ އުފެއްދުންތަކެއް ކަމަށް ގޭޓްސް ބުންޏެވެ.
މި ޕޮޑްކާސްޓްގައި ގޭޓްސް ވަނީ ކައިރި މުސްތަގުބަލެއްގައި ފެންނާނެ ބައެއް އެޕްލިކޭޝަންތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. މިސާލަކަށް ޗެޓްޖީޕީޓީ އަކީ ކޮންމެ ދުވަހެއްގެ އޮފީހުގެ މަސައްކަތްތަކުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށާއި، މައިކްރޮސޮފްޓް ޓީމްސްގައި ޗެޓްޖީޕީޓީ އިންޓަގްރޭޓް ކުރުމުން އޭއައިއިން ބައްދަލުވުމެއްގައި ކަވަރުކުރާ މިންވަރު ބެލެހެއްޓުމަށާއި އެ ބައްދަލުވުމުން ކަމާ ގުޅޭ މައުލޫމާތު ރައްކާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ޕްލެޓްފޯމްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.