12 Feb 2023, 10:02
މަޝްހޫރު ލަގްޒަރީ ފެޝަން ބްރޭންޑު "ބަލެންސިއާގާ" ފާއިތުވި އަހަރު ތެރޭގައި އެކި މައްސަލަތަކުގައި ހޫނު ފެނަށް ވެއްޓި ކުންފުނީގެ މުސްތަގުބަލާ މެދު މީހުން ސުވާލު އުފައްދަން ފަށަައިފިއެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑް ބަލެންސިއާގާ އަކީ ދުނިޔޭގެ ފެޝަންގެ އެންމެ ބޮޑެތި ޓްރެންޑުތައް އުފެއްދުމަށް މަގުފަހިކޮށްދީފައިވާ އެއް ބްރޭންޑެވެ. ދުނިޔޭގެ އެންމެ ބޮޑެތި ތަރިން ޕްރޮމޯޓުކޮށްގެން ބަލެންސިއާގާ ދިޔައީ ކޮންމެ ފަހަރަކު ފެޝަނަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ރަންވޭ ތަކުގައި ދައްކާލާ ޕްރޮޑަކްޓުތަކަކީ ވެސް އެތައް ބައެއް މެދުގައި މަގުބޫލުކަން ހޯދާ އެއްޗެއްސެވެ. ނަމަވެސް އެ ހުރިހާ ބާރެއް ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައިހެން ކެނޑިގެން ގޮސްފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ބަލެންސިއާގާ ވަނީ ބަރިބަރިއަށް އެކި ކަހަލަ މައްސަލަތަކުގައި ހޫނު ފެނަށް ވެއްޓިފައެވެ. އެންމެ ފުރަތަމަ މައްސަލަ ފެށުނީ ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްއާއެކު އޮތް އެއްބަސްވުން ބާތިލުކުރުމަށް ގިނަ ދުވަހެއް ވުމުންނެވެ. އެގޮތުން ބަލެންސިއާގާގެ އިވެންޓުތަކުގައި ވެސް ކާންޔޭ ވަނީ އެތައް ބައެއްގެ އިހުސާސްތަކަށް އަޅައި ނުލައި ގެއްލުން ވާ ފަދަ އަމަލުތައް ކޮށްފައެވެ. ނަމަވެސް ބަލެންސިއާގާއިން މިކަމަށް ދިނީ ބީރު ކަންފަތެކެވެ.
ދެން ފެންމަތިވީ އެއަށް ވުރެ ނުރައްކާތެރި މައްސަލަތަކެކެވެ. އެއީ ކުޑަކުދިންގެ ފޮޓޯ ޝޫޓުތަކެއްގައި ޕްރޮޕްތަކަށް ބޭނުންކޮށްފައިވާ އެއްޗެހީގައި އުމުރާ ނުގުޅޭ އެއްޗެހި ހުރުމުންނެވެ. އަދި އެ މައްސަލަ ނުނިމި އޮއްވައި، ކުޑަކުދިންގެ ހައްގުތަކަށް ގެއްލުން ވާ ފަދަ މޭރުމަކުން އަމަލު ކުރެވޭ ގޮތްތަށް ހޯދުމަށް ކޯޓު ކަރުދާސްތަކެއް ހުރި މައްސަލައެއް ވެސް ފެންމަތިވިއެވެ.
މިއާއެކު ބަލެންސިއާގާއަށް އާންމުންގެ ފަރާތުން އަންނަނީ އެތައް ބައެއްގެ ފާޑުކިޔުން ރައްދުވަމުންނެވެ. އެ ކުންފުންޏާއެކު ބޮޑެތި ތަރިން ހަދާފައިވާ އެއްބަސްވުންތައް އަންނަނީ އުވާލަމުންނެވެ.
މިއަހަރުގެ މިހާތަނަށް ބޮޑެތި ފެޝަން އިވެންޓުތައް ބާއްވަމުން އަންނަ އިރު ބަލެންސިއާގާގެ އަޑެއްބަޑެއް ނީވެއެވެ. އެންމެފަހުން އިވުނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ފެށުމަށް އުޅޭ ވާހަކައެވެ. ބަލެންސިއާގައިން އަންނަ މަހުން ފެށިގެން އެކަމާ ގުޅޭ ފަރާތްތަކާއެކު މިފަދަ މައްސަލަތަކަށް ހޭލުންތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.