މަޝްހޫރު ހެރީ ޕޮޓާ ފްރެންޗައިޒްއަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ވީޑިއޯ ގޭމް "ހޮގްވާޓްސް: ލެގަސީ" މިދިޔަ ހަފުތާ ބަންދުގައި ރިލީޒްކޮށްފިއެވެ.

މިއީ ހެރީ ޕޮޓާގެ ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފުރަތަމަ އޯޕަަން ވޯލްޑް ގޭމްއެވެ. އެވަލޭންޗް ޕްރޮޑަކްޝަނުން ތައްޔާރު ކުރި މި ގޭމް އިއުލާނު ކުރި ހިސާބުން ފެށިގެން ވެސް ހެރީ ޕޮޓާ ދުނިޔެއަށް ލޯބި ކުރާ އެތައް ބަޔަކު ތިބީ ކެތް މަދުވެފައެވެ. އަދި ދިގު އިންތިޒާރަކަށް ފަހު އެންމެފަހުން މިދިޔަ ހަފުތާގައި މި ގޭމް އާންމުންނަށް ވަނީ ދޫކޮށްލާފައެވެ.

ހެރީ ޕޮޓާގައި ދައްކާ "ހޮގްވާޓްސް"އަށް ގޮސްލައި އެ ދުނިޔޭގެ އެންމެ ފާހަގަކުރެވޭ ތަންތަން ގޭމުން އިހުސާސް ކޮށްލުމުގެ ފުރުސަތު މިހާރު މިއޮތީ ފޭނުންނަށް ލިބިފައެވެ. ގޭމް ރިލީޒް ކުރުމާއެކު އެތައް ބައެއްގެ ފާޑުކިޔުންތަކާއި ލޯބި އަންނަނީ ގޭމަށް ލިބެމުންނެވެ.

ގޭމްގެ ރިވިއުތައް ބުނާގޮތުގައި ގޭމްގެ ގިނަ ކަންތައްތަކެއް ވަރަށް ރަނގަޅެވެ. ނަމަވެސް ގޭމްގެ ފަހަތުގައިވާ ކަންތައްތަކާ ގުޅިގެން ގޭމް ގަތުމަށް ސުވާލު އުފެދޭ ކަމަށް އެތައް ބަޔަކު ފާހަގަކުރެއެވެ. އެއީ ހެރީ ޕޮޓާގެ ވާހަކަ ލިޔުނު ޖޭކޭ ރޯލިން އަކީ އެެކި ގޮތްގޮތުން މީހުންގެ ހައްގުތަކާއި ދެކޮޅަށް ވާހަކަ ދައްކާ މީހަކަށް ވުމުން ގޭމު މެދުވެރިކޮށް ވެސް އޭނާއަށް ފައިދާ ވާ ގޮތަށް ކަންތައް ކުރުމާ މެދު އާންމުން ވަނީ ސުވާލު އުފައްދާފައެވެ.

މި ގޭމްގެ ވާހަކަ އަންނަނީ ސޯޝަލް މީޑިއާގައި ވެސް ހުއްޓުމެއް ނެތި ދައްކަމުންނެވެ. ދެކޮޅަށް ވެސް ގަދައަށް ބަހުސްތައް އަންނަނީ ކުރަމުންނެވެ.

ހޮގްވާޓްސް ލެގަސީ ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. މިހާރު ވިންޑޯސް އާއި އެކްސްބޮކްސް އަދި ޕީއެސް 5 އިން މި ގޭމް ގަނެވޭނެއެވެ. މި ގޭމް ވިއްކާނީ 60 ޑޮލަރަށެވެ.