12 Feb 2023, 09:36
ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ނަފްސާނީ ދުޅަހެޔޮ ކަމާ މެދު އޭނާގެ ގާތް މީހުންގެ ކަންބޮޑުވުން އިތުރުވަމުން އަންނަކަން ހާމަވެއްޖެއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ޕީޕަލް މެގަޒިންއަށް ބްރިޓްނީގެ ގާތް އެތައް ބަޔަކު މައުލޫމާތު ދިން ގޮތުގައި އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ނޫން ކަމަށް ވަނީ އިޝާރާތް ކޮށްފައެވެ. އަދި ބްރިޓްނީ މިވަގުތު ތަހައްމަލު ކުރަމުން އަންނަނީ ދަތި ދުވަސްތަކެއް ކަމަށް ޕީޕަލް އަށް މައުލޫމާތު ދިން މީހުން ބުނެއެވެ.
ޕީޕަލްއިން ބުނާގޮތުގައި ބްރިޓްނީގެ ގާތް އެކުވެރިން ވަނީ ދާދި ފަހުން އޭނާއާ ބައްދަލުކޮށް އޭނާއަށް ނަސޭހަތް ދީ އޭނާ ކަންތައް ކުރާނެ ގޮތް ކިޔައިދިނުމަށް "އިންޓަވެންޝަން" އެއް ރާވާފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ކެންސަލުވެފައިވާ ކަމަށް ވެސް ޕީޕަލް އިން މައުލޫމާތު ދެއެވެ.
"ބްރިޓްނީގެ އަމަލުތައް މިހާރު ވަރަށް ފާޑަކަށް ހުންނަނީ. އަބަދުވެސް ރުޅި ގަދަ ވެފައި ހުންނަނީ ކޮންމެވެސް ކަމަކާ. ދެން އަނެއްކާ ރޭގަނޑު އެއްކޮށް ހޭލައި ދުވާލު ނިދުން ކަމަކީ،" ޕީޕަލްއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
ބްރިޓްނީގެ ގާތް އެންމެން ވެސް ބުނަމުން އަންނަނީ އޭނާ އެހީ ހޯދަން ދިޔުމަށް ކަމަށް ޕީޕަލް އިން ބުނެއެވެ. އަދި ބްރިޓްނީއަށް ދިމާވާ ދަތި ކަންތައްތަކުގައި އޭނާގެ ފިރިމީހާ ސޭމް އަސްގަރީ އަންނަނީ އޭނާއަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ޕީޕަލް އަށް މައުލޫމާތު ދިން މީހުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ބްރިޓްނީގެ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ބައްޕަގެ ފަރާތުން އަނިޔާތަކެއް ލިބުނު ކޮންޒަވޭޓާޝިޕް ނިމި 13 އަހަރަށް ފަހު ބްރިޓްނީ މިނިވަން ވި ތާ އަދި މިވީ އަހަރެއްހާ ދުވަހެވެ.