އިންޑިއާގެ ސްކޫލް ކުދިންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްލިކްގެ ޑޭޓާބޭސްއިން ގިނަ ދުވަސްވަތަކެއް ވަންދެން، ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔެއްގެ ޒާތީ މައުލޫމާތު އެހެން މީހުންނަށް ފެންނަ ގޮތަށް ހާމަވެފައި އޮތްކަން ފަޅާއަރައިފިއެވެ.

މިދިޔަ އަހަރު ލޯންޗުކުރި މި އެޕްއިން ލީކުވެފައި ވަނީ އެ އެޕް ބޭނުންކުރަމުންދާ ސްކޫލް ކުދިންނާއި މީހުންގެ ފުރިހަމަ ނަމާއި މޮބައިލް ނަމްބަރުތަކާއި އުފަންތާރީހާއި ޕްރޮފައިލް ފޮޓޯތައް ފަދަ މުހިއްމު މައުލޫމާތެވެ.

މި މައުލޫމާތު ފެންނަން ހުރިކަން އެނގުނީ، އެޕްލިކޭޝަންތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ކުންފުންޏެއް ކަމަށްވާ ކްލައުޑް ޑިފެންސް.އޭއައިގެ ސެކިއުރިޓީ ރިސާޗަރު އަނޫރާގް ސެން، ޓެކްކްރަންޗަށް އެކަން ރިޕޯޓް ކުރުމުން ކަމުގައި އެނޫހުގައި ބުނެފައިވެއެވެ.

އެ މައްސަލަ ދިމާވީ، ޑޭޓާބޭސްގެ އައިޕީ އެޑްރެސް ދަންނަ ކޮންމެ މީހަކަށް ވެސް، އެ އެޕް ބޭނުންކުރާ މީހުންގެ ނާޒުކު މައުލޫމާތަށް ވަނުމުގެ ފުރުސަތު އޮތުމުންނެވެ. މީގެ އިތުރުން ސްލިކްގެ މައި ވެބްސައިޓްގައި ވާ، ފަސޭހައިން އަންދާޒާ ކުރެވޭ ސަބްޑޮމެއިން މެދުވެރިކޮށް ޑޭޓާބޭސްއަށް ވަދެވޭނެ ކަންވެސް ވަނީ ހާމަވެފައެވެ. އެ މައްސަލަ ދިމާވިއިރު 153،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެ ޑޭޓާބޭސްގައި ހުއްޓެވެ.

ޑޭޓާ ބްރީޗްވެފައިވާކަން އެނގުމާ އެކު ސެން ވަނީ ސައިބާ ސެކިއުރިޓީގެ މައްސަލަތައް ބެލުމުގައި އެ ގައުމުގެ އެންމެ އިސް އެޖެންސީ ކަމަށްވާ އިންޑިއާގެ ކޮމްޕިއުޓާ އިމަޖެންސީ ރެސްޕޮންސް ޓީމް، ސީއީއާރްޓީ-އިން އަށް އެކަން އަންގާފައެވެ. އެއާއެކު އެ އެޕްގެ ވެރި ފަރާތުން ވަނީ އެ މައްސަލަ ހައްލުކޮށް، ޑޭޓާބޭސްގެ ސަލާމަތީ ކަންތައްތައް ރަނގަޅުކޮށްފައެވެ. ނަމަވެސް ސެން އެ ޑޭޓާބޭސް ހޯދުމުގެ ކުރިން އެހެން ބަޔަކަށް އެ މައުލޫމާތު ފެނުނުކަން އަދި ޔަގީން ކުރެވިފައިނުވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސްލިކް ލޯންޗުކުރީ, ތައުލީމީ ޓެކްނޮލޮޖީއާ ގުޅުން ހުރި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އަންއެކެޑެމީގެ ކުރީގެ އެގްޒެކެޓިވް އާޗިޓް ނަންދާއެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ގައި ވެސް ލިބެން ހުންނަ މި އެޕްލިކޭޝަނަކީ އިންޑިއާގެ ސްކޫލްތަކާއި ކޮލެޖް ދަރިވަރުންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެކެވެ. އެ އެޕް މެދުވެރިކޮށް، ރައްޓެހިންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެއެވެ.

ސްލިކްގެ ޑޭޓާ ހެކްކުރުމުގެ ސަބަބުން، ނާޒުކު މައުލޫމާތުތައް ހިމާޔަތްކުރުމަށް، ޚާއްސަކޮށް މީހުންގެ މައުލޫމާތު ގެންގުޅޭ ކުންފުނިތަކުން ސަލާމަތީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. މި ހާދިސާއަކީ ހުރިހާ ވިޔަފާރިތަކުން ވެސް އެ މީހުންގެ ޑޭޓާބޭސްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ބުރަކޮށް ހަރަކާތްތެރިވުމަށް ދޭ އިންޒާރެކެވެ.