ޕިޔޮންގޔަންގ (އެޕްރިލް 16): އުތުރުކޮރެޔާގައި އެންމެ އިސްކަންދޭ މުމައްސަސާއަކީ ސިފައިން ކަމަށާއި ދުޝްމަނުންގެ މައްޗަށް ނަސްރު ހޯދުމަށް އިތުރަށް މަސައްކަތްތައް ކުރުމަށް އެޤައުމުގެ ޒުވާން ލީޑަރު ކިމް ޖޮންގް އުން ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އުތުރުކޮރެޔާ އުފެއްދި ބާނީ (ކިމް ޖޮންގް އުން ގެ ކާފަ) ކިމްއިލް ސަންގ 100 ވަނަ ޢީދުމީލާދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖޮންގ އުން ވިދާޅުވީ ޤައުމު ކުރިޔަށްދާނީ އޭނާގެ ކާފަ ނެރުއްވި "އާމީ ފަސްޓް" ގެ އައިޑިއޮލޮޖީ އާ އެއްގޮތަށް ކަމުގައެވެ. މިއައިޑިއޮލޮޖީގެ ދަށުން އުތުރުކޮރެޔާވަނީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބާރުގަދަ ސިފައިންގެ ލަޝްކަރު ބިނާކޮށްފައެވެ. ދުނިޔޭގެ ޢަސްކަރީ ތިލަފަތަށްބަލާއިރު 4 ވަނައަށް އެންމެ ބޮޑު ސިފައިންގެ ލަޝްކަރުއޮތީ އުތުރުކޮރެޔާގައެވެ.

އުތުރުކޮރެޔާގެ ސިފައިންނަށް ލިބިފައިވާ ހަތިޔާރުގެ ތެރޭގައި ކޮންވެންޝަނަލް ހަތިޔާރުގެ އިތުރުން ކެމިކަލް ހަތިޔާރާއި ބައިލޮޖިކަލް ހަތިޔާރާ އަދި ނިއުކްލިޔަރ ހަތިޔާރުވެސް ހިމެނެއެވެ. އުތުރުކޮރެޔާގައި 30 އާއި 50 އާ ދެމެދުގެ ޢަދަކަށް ނިއުކްލިޔަރ ހަތިޔާރު ހުރިކަމަށް ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ލަފާކުރެއެވެ. އުތުރުކޮރެޔާވަނީ ތިންފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައެވެ. ޤައުމާ ނުބައްދަލުވަރަށް ޢަސްކަރީ ބާރުގަދަކުރިއިރު އުތުރުކޮރެޔާވަނީ އިޤްތިސާދީ ގޮތުން ވަރަށް ދަށުދަރަޖައެއްގައެވެ.

ޖޮންގ އުންގެ ވާހަކާގައި އެޤައުމުން ދާދިފަހުން ކުރި ނާކާމިޔާބު ސެޓަލައިޓް ތަޖްރިބާގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިނާކާމިޔާބީ އާއެކުވެސް އުތުރުކޮރެޔާއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާ ޤައުމެއް ކަމަށާއި ޢިލްމާއި ޓެކްނޮލޮޖީއަކީ މިއަދު އެމެރިކާގެ މޮނޮޕޮލީއެއް ނޫން ކަމަށް ޖޮންގ އުން ވިދާޅުވިއެވެ. -- އަލްޖަޒީރާ