އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް އެމެރިކާއަށް އަމާޒުކޮށް ޗައިނާއިން ހިންގާ ޖާސޫސީ ހަރަކާތްތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ވައިޓް ހައުސް އިން ވަނީ ހާމަކޮށްފައެވެ.

ވައިޓް ހައުސް އިން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުން އިތުރުވަމުންދާ ޗައިނާގެ ޖާސޫސީ ހަރަކާތްތައް ދެނެގަތުމަށާއި އެއާ ކުރިމަތިލުމަށް އެމެރިކާއަށްވަނީ ބޮޑު އަދި ފުޅާދާއިރާއެއްގެ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ވައިޓް ހައުސް އިން މިބަޔާން ނެރެފައިމިވަނީ އެމެރިކާގެ ވައިގެ ސިފައިން އެގައުމުގެ ވަކިން އޮންނަ ސްޓޭޓެއްކަމަށްވާ އެލެސްކާގެ މަތިން ގޮތްނޭނގޭ ފްލައިން އޮބްޖެކްޓެއް އުދުހެމުންދާތީ ރައީސް ޖޯ ބައިޑެންގެ އަމުރަށް އިއްޔެ އޭތި ވައްޓާލާފައި ވަނިކޮށެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނާގޮތުން ވައްޓާލި ފްލައިން އޮބްޖެކްޓްގެ ބައިތައް ހޯދައި އެތަކެތި ތަހްލީލުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

އިއްޔެ ވައްޓާލި ފްލައިން އޮބްޖެކްޓާބެހޭ އެއްވެސް ތަފްސީލެއް ޕެންޓަގަންއިން ދީފައެއް ނުވެއެވެ. ވައްޓާލި އެއްޗަކީ ޗައިނާގެ އެއްޗެއްކަން ނުވަތަ ނޫންކަންވެސް ހާމަކޮށްފައެއް ނުވެއެވެ. އެލެސްކާ މަތިން އެއްޗެއް ވައްޓާލާފައިމިވަނީ އެމެރިކާގެ އެތަށް ސްޓޭޓެއްގެ މަތިން އުދުހެމުންދިޔަ ޗައިނާގެ ފްލައިން ޝިޕެއް އެމެރިކާގެ ވައިގެ ސިފައިން ވައްޓާލިތާ ހަފުތާއެއްގެ ތެރޭގައެވެ.

ޗައިނާ ސިފަކުރި ފުއްޕާހަމަކީ ވަރަށް އަޑިނޭނގޭ ގޮތަކަށް ޗައިނާ ހިންގަމުންގެންދާ ޖާސޫސީ ހަރަކާތްތަކެއްގެ ބައެއްކަމަށް އެމެރިކާގެ މަސްއޫލުވެރިންވަނީ ސިފަކުރައްވާފައެވެ. ވައިޓް ހައުސްގެބަޔާން ބުނިގޮތުގައި އެމެރިކާއަށް އަމާޒުކޮށް ޗައިނާއިން ހިންގާ ޖާސޫސީ ހަރަކާތްތައް އިންތިހާއަށް ވަނީ ގިނަވެފައެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާކަންވެސް ދަނީ ފާހަގަ ކުރެވެމުންނެވެ. މީގެއިތުރުން ބާރުވެރިކަން ހޯދުމަށް ޗައިނާއިން ހިންގާ އެހެން ހަރަކާތްތައްވެސްވަނީ އެމެރިކާ ކަންބޮޑުވާ ހިސާބަށް ގޮސްފައެވެ.

ބާރުވެރިކަން ހޯދުމަށް ޗައިނާއިން ކުރާކަމަށް އެމެރިކާ ދެކޭ ކަންކަމުގެ ތެރޭގައި ޗައިނާގެ ސިފައިންގެ ލަޝްކަރުތައް ޒަމާނީކޮށް އެލަޝްކަރުތަކުގެ ހަނގުރާމައިގެ ގާބިލްކަން އިތުރުކުރުމަށް ހިންގާ ސްޓްރެޓީޖިކް މަޝްރޫއުތަކާއި ނިއުކްލިޔާ ހަތިޔާރު އިތުރަށް އުފައްދައި ނިއުކްލިޔާ ގާބިލުކަން އިތުރުކުރުމަށް ޗައިނާއިން ހިންގާ މަޝްރޫއުތަކާއި އަދި އަސްކަރީ އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށް ޗައިނާ ކުރަމުންގެންދާ ގިނަ މަޝްރޫއުތައް ހިމެނެއެވެ.

އެމެރިކާއިން މިމޭރުމުން ވާހަކަދައްކާއިރު ޚުދު އެމެރިކާވަނީ ޗައިނާއަށް އަމާޒުކޮށްގެން އޭޝިއާ ޕެސިފިކް ސަރަހައްދާއި ދެކުނު އިރުމަތީ އޭޝިއާގައި ހިންގާ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުުރުކޮށްފައެވެ. މީގެތެރޭގައި ޓައިވާނަށް ބަރުގަދަ ހަތިޔާރު ފޯރުކޮށްދިނުމާއި ޗައިނާގެ ކައިރީގައި އޮންނަ ފިލިޕީންސްގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށްޓަކައި އެގައުމުގައި އަސްކަރީ ހަތަރު ބޭސް ބިނާކުުރުން ހިމެނެއެވެ.

މީގެއިތުރުން ޗައިނާގެ ދުޝްމަނެއްކަމަށްވާ ޖަޕާނާއެކު އެމެރިކާ ވަނީ ޗައިނާއަށް އަމާޒުކޮށްގެން އަސްކަރީ ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކުުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ.

އަނެއްކޮޅުން އެމެރިކާގެ ސްޓްރެޓީޖިކް ބާރުތަކާބެހޭ ކޮމާންޑަރު ޖެނެރަލް އެންތަނީ ކޮޓަން ވަނީ ނިއުކްލިޔާ ވޯހެޑް ހަރުކުރާ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް (އައިސީބީއެމް) ތައް އެމެރިކާއަށްވުރެ ގިނަކުރުމުގެ މަސައްކަތްތަކެއް ޗައިނާއިން ކުރިއަށްގެންދާކަމުގެ މައުލޫމާތު ކޮންގްރެސް އާ ހިއްސާ ކުރައްވާފައެވެ.

ކޮންގްރެސްއަށް މައުލޫމާތު ދެއްވަމުން ޖެނެރަލް އެންތަނީ ވަނީ ޗައިނާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އާއި އޭގެ ލޯންޗަރުތައް އިތުރުކުރަމުން ގެންދާތީ މިއީ އެމެރިކާއަށް ކުރިމަތިވާ ސްޓްރެޓީޖިކް ބިރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމެރިކާއިން ދެކޭގޮތުގައި ނިއުކްލިޔާ ހަތިޔާރާއި އެއްބައްރުން އަނެއް ބައްރަށް ފޮނުވާލެވޭފަދަ ދުުރުރާސްތާގެ މިސައިލާއި އެނޫންވެސް ސްޓްރެޓީޖިކް ހަތިޔާރު އުފެއްދުމުގެ ހައްގު އޮންނަންޖެހޭނީ ހަމައެކަނި އެމެރިކާއަށެވެ.

އެހެންގައުމަކުން މިބާރުވެރިކަން ހޯދާނަމަ ދުނިޔެއަށް ނުރައްކާވާނެކަމާއި ދުނިޔެއަށް ރައްކާތެރިކަން އޮތީ އަދި ސުލްހަވެރިކަމުގައި ދުނިޔެއަށް އޮވެވޭނީ ދުނިޔޭގެކަންކަން ކޮންޓްރޯލް ކުރެވޭވަރުގެ އަސްކަރީ، އިގްތިސާދީ އަދި މާލީ ބާރުވެރިކަން އެމެރިކާ އަތުގައި އޮވެގެންނެވެ. އެހެން ގައުމުތަކަށް ނުފޫޒު ހިންގައި އެހެން ގައުމުތަކުން އެމެރިކާގެ ބަސްއަހާވަރުގެ ޑިޕްލޮމެޓިކް ބާރު ވެސް ހަމައެކަނި އެމެރިކާގެ އަތުގައި އޮވެގެންކަމަށް ބުނެ އެމެރިކާއިން ގެންދަނީ ޕްރޮޕަގެންޑާ ފަތުރަމުންނެވެ.

ނަމަވެސް އެމެރިކާއަށް އަސްކަރީގޮތުން ގޮންޖަހާލެވޭވަރުގެ ގައުމެއްކަމަށްވާ ރަޝިއާއާއި އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެމެރިކާއަށް ގޮންޖެހުމުގެ ގާބިލްކަން ލިބިފައިވާ ޗައިނާއިން މިހާރުވަނީ އެމެރިކާގެ ބާރާއި ނުފޫޒާ ދެކޮޅަށް ފާޅުގައި ތެދުވެފައެވެ. ހަމައެކަނި އެމެރިކާ ކޮންޓްރޯލްކުރާ ބައިނަލްއަގްވާމީ ނިޒާމުގެ ބަދަލުގައި ގިނަ ބާރުތަކެއް ކޮންޓްރޯލްކުރާ ބައިނަލްއަގްވާމީ ނިޒާމެއް ގެންނަން މަސައްކަތްކުރާކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެދެގައުމުންވަނީ ހާމަކޮށްފައެވެ.

ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިންވަނީ ހަމައެކަނި އެމެރިކާ ޑޮމިނޭޓްކުރާ ބައިނަލްއަގްވާމީ ނިޒާމުގެ ބަދަލުގައި ގިނަ ބާރުތަކެއް ކޮންޓްރޯލްކުރާ މިހާރަށްވުރެ އިންސާފުވެރި ބައިނަލްއަގްވާމީ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން ގެންދާކަމާއި އެ މަސައްކަތްތަކަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތާއީދުކުރާކަން ދާދިފަހުން ހާމަކުރައްވާފައެވެ.

ޔޫކްރެއިން ހަނގުރާމައިގެ ފަހަތުގައި އެމެރިކާ އޮތްއިރު އެހަނގުރާމަ ކާމިޔާބުކުރުމުގައި ރަޝިއާގެ ސްޓްރެޓީޖިކް އެއްބޭނުމަކީވެސް ގިނަ ބާރުތަކެއް ހިއްސާކުރާ ބައިނަލްއަގްވާމީ ނިޒާމެއް ވުޖޫދަށް ގެނައުމަށް މަގުފަހިކުރުންކަމާއި އެކަން ކާމިޔާބުވާނެކަން ޕޫޓިންވަނީ ހާމަކުރައްވާފައެވެ.

އެމެރިކާގެ ޑޮލަރުގެ އިތުރުން އެހެން ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާއި ބައިނަލްއަގްވާމީ ރިޒާވް ފައިސާގެ ގޮތުގައިވެސް ހަމައެކަނި ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތައްވެސް ބޭނުންކުރެވޭނެ ނިޒާމެއް އުފެއްދުމުގެ ކަންތައް ވަރަށް ބާރަށް ކުރިޔަށްގެންދާކަމާއި އެކަމުގައި އިގްތިސާދީ ގޮތުން ފުންނާބު އުސް ގިނަ ގައުމުތަކެއް ޝާމިލްވާކަންވެސް ދާދިފަހުން ޕޫޓިންވަނީ ހާމަކުރައްވާފައެވެ.